ކުޅިވަރު

ސާއިދުއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް


މިދިޔަ އޮގަސްޓްމަހު ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާޖަންޓް ހަސަން ސާއިދުއަށް ރައީސުލް ޖުމްހޫރިއްޔާ ހާއްސަ މެޑަލެއް އަރުވައިފިއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ސާއިދަށް އެރުވި މި މެޑަލަކީ ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން، ނުވަތަ ބައިނަލްއަގްވާމީ މިންކުރުމަކުން މަތީ ވަނަ ނުވަތަ ޝަރަފު ހާސިލު ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލްއެވެ.މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ހަސަން ސާއިދު ރަން މެޑަލް ހޯދީ 100 މިޓަރ ދުވުމުންނެވެ. މި ރަން މެޑެލާއިއެކު ސާއިދު ވެގެންގޮސްފައިވަނީ ގޭމްސައަކުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ދިވެހި އެތްލީޓަށެވެ. އޭނާވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލްވެސް ހޯދާފައެވެ.ކ.ގާފަރަށް އުފަން ސާއިދު މިހާރު ތައްޔާރުވަމުންދަނީ އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށެވެ.