ޚަބަރު

ރެޑްނޯޓިސް ނެރިގެންވެސް ޢަލީ ވަހީދުގެ މައްސަލަ ކުރިއަށް ގެންދާނަން: ޕީޖީ ޝަމީމް


ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ މިނިސްޓަރު ޢަލީ ވަޙީދު ޝަރީޢަތަށް ޙާޒިރުކުރުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރެގެންވެސް މައްސަލަ ކުރިއަށް ގެންދަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޓްއަރިޒަމް މިނިސްޓަރުކަމަށް އަލީ ވަހީދު ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރެއްވިއެވެ. ނަމަވެސް ޢަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ޕީޖީއަށް ބުނެދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތިގެން ހައިކޯޓުގައި އެ މައްސަލަ ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.

ޢަލީ ވަޙީދުގެ މައްސަލައާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، ޢަލީ ވަޙީދު މިހާރު ދިރިއުޅޭ އެޑްރެސް ޕީޖީއަށް ނޭނގޭކަމަށް ބުނެ އެމައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާއިރު، އެޑްރެސް ނޭނގޭ ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ އިޖްރާޢަތްތައް ހައިކޯޓުން ފުރިހަމަކޮށްފައިނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ހުށައަޅާފައިވާކަމަށް ޕީޖީ ޝަމީމު ވިދާޅުވިއެވެ.

"މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަން އޭނާއަށް އެނގެންޏާ އޭނާގެ އެޑްރެހެއް ނުބުނާނެ، ދައުލަތުގެ އިދާރާތަކަށް އޭނާ ނުއެއް އަންގާނެ. ދެން އެކަން ކުރަން އޮންނަގޮތަކީ، އޭނާގެ އެޑްރެސް ނޭނގެންޏާ ފުލުހުންނަށް ޢަމުރެއްކޮށްގެން ބަންދުގައި ބަހައްޓައިގެން ޙާޒިރުކުރަން ޢަމުރެއްކުރުން. އެކަމާއި ގުޅޭގޮތުން ހުރޭ ހައިކޯޓުގެ ޤަވާއިދުގައިވެސް އަދި ޝަރީޢަތްކުރުމާއި ބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤަވައިދުގައިވެސް އުސޫލްތަކެއް ކަނޑައަޅަފައި އެބަހުރި. އެއީ މީހާކު ކޯޓަށް ޙާޒިރު ނުވެއްޖެއްޔާ ޢަމުރެއް ނެރެގެން ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ޙާޒިރުކުރުން. އެހެންވެ އެ ޕްރޮސެސްތައް ހިންގަވާފަ ނެތްކަމަށް އަޅުގަނޑުމެންނަށް ފެނުނީ ހައިކޯޓުން މައްސަލަ ނިންމެވިއިރު. އެހެންވެ މިއީ އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރާކަމަކީ. އަޅުގަނޑުމެން މި އުއްމީދު ކުރަނީ އަޅުގަނޑުމެން މި ހުށައަޅާކަންކަން ކޯޓުން އަޑުއެހުމުގެ ފުރުޞަތެއް ދެއްވާނެކަމަށް. އަދި އަޑުއަހާފައި ގޮތެއް ނިންމުމުގެ ފުރުޞަތު ދެއްވާނެކަމަށް" ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށްފަހު އެ ޢަމުރުގެ މައްސަލައަށް ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

"އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފިއްޔާ 7 ދުވަސްތެރޭ ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމަންޖެހޭ މިހާރު އޮތް ޤާނޫނު ބުނާގޮތުން. އެހެންވީމަ އަޅުގަނޑުމެންނަށް ސުޕްރީމް ކޯޓާއި ހަމައިން އެއަށް ކޮންމެސް ހައްލެއް ލިބިގެންދާނެ." ޝަމީމް ވިދާޅުވިއެވެ.

އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުކަމަށް ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއަށް އިޝަރާތް ކުރައްވާ ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، ޢަލީ ވަޙިދު ދިރިއުޅޭ އެޑްރެސް ނޭނގިގެން ނުވަތަ އޭނާއަށް ޗިޓް ހަވާލު ނުކުރެވިގެން ކޯޓަށް ޙާޒިރު ނުކުރެވިއްޖެ ޙާލަތުގައި އިންޓަރޕޯލް ރެޑް ނޯޓިސްނެރެގެންވެސް އެ މައްސަލަ ކުރިއަށް ގެންދަވާނެކަމަށެވެ.

"އަސްލު މައްސަލަވެސް އަދި މިއޮތީ ކޯޓުގައި. އެ މައްސަލަވެސް ގެންދަން އަޅުގަނޑުމެން ހިފާނަން. އެހިސާބުން ކުރެވޭނެ ބައިވަރު ކަންތައްތައް ހުންނާނެ. މިސާލަކަށް އެ މައްސަލާގައި ކޯޓަށް ޙާޒިރުކުރަން ޗިޓު ހަވާލުނުކުރެވި ކޯޓަށް ޙާޒިރު ނުވެއްޖެނަމަ ޢަމުރެއް ނެރެގެންވެސް ޙާޒިރުކުރެވޭނެ. ދެން ޢަމުރު ނެރޭއިރު ހަމައެކަނި އަޅުގަނޑުމެން ރާއްޖެއަކު ނޫން ހަމައެކަނި ޢަމުރު ނެރެވޭނީކީ. މިދެންނެވީ އިންޓަރޕޯލް ރެޑްނޯޓިސްއާއި އެކަހަލަ ބައިވަރު އިންޓަރނޭޝަނަލް ކަންކަން އެބަހުރި އަޅުގަނޑުމެންނަށް ކުރެވޭނެ. އެހެންވީމަ އެ ހުރިހާ އެވެނިއުއެއް އަޅުގަނޑުމެން އެކްސްޕްލޯ ކުރާނަން މި މައްސަލަ ކުރިއަށްދާއިރު." ޕީޖީ ޙުސައިން ޝަމީމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ.

ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ. އަލީ ވަހީދު ބޭރަށް ފުރާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ ޖާމިނުވުމުންނެވެ. އަދި ހަތަރު މަސްދުވަސް ތެރޭ އަލީ ވަހީދު އަނބުރާ ގެންނާނެކަމުގެ ޔަޤީންކަންވެސް އަސްއަދު ވަނީ ދީފައެވެ.