ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް މީހަކު ފެނިގެން އޭދަފުށި މޮނިޓަރިންނަށް!


ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން ބ.އޭދަފުށި މޮނިޓަރިންނަށް ލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިއެވެ.

އޭދަފުށި މޮނިޓަރިންނަށް ލާފައިވަނީ މިއަދު ހެނދުނު ރޯގާގެ ޢަލާމާތްތައް ހުރެގެން އެރަށު ފުލޫކުލްނިކަށް ދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ އަންހެނެކެވެ. އެއަންހެން މީހާ މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި 8 މީހެއްގެ ސާމަޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އޭދަފުށީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އެރަށު ސްކޫލްގެ ކިޔެވުން މާދަމާ އޮންނާނީ ގްރޭޑް 9އިން ފެށިގެން މަތީގެ ދަރިވަރުންނަށް އެކަންޏެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ގެއިން ބޭރަށް ނުކުމެ ނޫޅުމަށާ، ޒަރޫރީ ބޭނުންތަކުގައިވެސް ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް ހޮސްޕިޓަލުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިސްކިތަށް ނަމާދަށް ދާއިރު މުސައްލަ ގެންދިއުމަށާއި ގެއިން ވުޟޫކޮށްގެން މިސްކިތައް ދިއުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ހަވީރު 6އިޮން ފެށިގެން އޭދަފުށިން އެއްވެސް މީހަކު އިތުރު އެހެން ރަށަކަށް ދަތުރު ނުކުރުމަށްވެސް ވަނީ އަންގަވާފައެވެ. އޭދަފުށިގެ އިތުރުން އެއަތޮޅު މާޅޮސްވެސް އޮތީ ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން މޮނިޓަރިންނަށް ލާފައެވެ.