ރަމަޟާންމަހުގެ ދުވާލު ކެއިންބުއިމުން މަނާވެގެން ތިބޭ ވަގުތަކީ ކޮންމެ މީހަކަށްވެސް ވަރުބަލިކަމާއި ބަނޑުހައިހޫނުކަން އިޙްސާސްކުރެވޭ ވަގުތެކެވެ. 14 ވަރަކަށް ގަޑިއިރު ރޯދައިގެ މަތިވެރި އަޅުކަމާއެކު ދިރިއުޅުމުގެ އެހެންކަންކަންވެސް ބައްޓަންކުރަންޖެހޭއިރު ގިނަ މީހުންނަކީ ވަރަށް އަވަދިނެތި އުޅޭ މީހުންނެވެ. އެހެންނަމަވެސް މިމަހުގެ ޙުރުމަތާއި ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު ވަޒަންކޮށް ޢާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ވަގުތުވެސް އޮންނަނީ ހަނިކޮށްފައެވެ. އެއީ ހުރިހާ އެންމެންނަށްވެސް ލުއިފަސޭހަކޮށްދީ އަދި ދީނީ ކަންކަމަށް ވަގުތު ހޯދޭނެ މަގު ފަހިކޮށްދިނުމަށެވެ. އެހެންކަމުން މިހާރު މިބަލާލަނީ ދުޅަހެޔޮކޮށް ހުރުމަށް މިމަހު ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.
މިމަހު ސިއްޙީ ގޮތުން ބަލަންޖެހޭ ސަމާލުކަން ދޭންވީކަންކަން އެބަހުއްޓެވެ. ދުވާލުގެ ގިނަ ގަޑިތަކުގައި ކެއިން ބުއިމުން މަނާވުމުގެ ސަބަބުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ މިންހަމަ ކެއުމެއް ޚިޔާރުކުރުމެވެ. ކެއުމަށް ލިބޭވަގުތުގައި ތެލާއި ތެލުލީ ބާވަތްތަކާއި ދުރުވެ ވީހާވެސް ބޮޑަށް ތަރުކާރީއާއި މޭވާ ބޭނުންކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި ރޯދަ ވީއްލާ ގަޑީގައި ގިނައިން ކެއުމުން ދުރުހެލިވުމަކީވެސް މުހިއްމުކަމެކެވެ. އަދި ހާރު ގަޑި ދޫކޮށް ނުލާ ކޮންމެވެސް މިންވަރެއް އެގަޑީގައި ކެއުމަކީ ދުވާލު ހަށިގަނޑުގައި ވަރުހުންނާނެކަމެކެވެ. އަދި ކެއުމުގައި ލޮނާއި ކެފެއިންއާއި ހަކުރު މަދުކުރުމަކީވެސް މުހިއްމުކަމެކެވެ.
ކަރުހިއްކުމުގެ އުނދަގޫ ހުރިހާ އެންމެންނަށްވެސް މިމަހު ކުރިމަތިވާއިރު ރޭގަނޑުގެ ވަގުތުތަކުގައި ފެން ގިނައިން ބުއިމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމުކަމެކެވެ. ގައިގެ ފެން މަދު ނުވާނޭހެން ފެންބުއިމަށް އިސްކަންދޭންޖެހޭއިރު ބަނޑަށް އުނދަގޫ ނުވާނޭހެން އެއްފަހަރާ ގިނައިން ފެންބުއިމުގެ ބަދަލުގަ މަދުމަދުން އެކި ފަހަރުމަތިން ފެންބުއިމުން ހަށިގަނޑު ލޮޑުވުމުން ދުރުކޮށްދޭނެކަމަށް ޑައިޓީޝަނުން ވިދާޅުވެއެވެ.
ރަމަޟާންމަހަކީ ޢާއްމުކޮށް ގައިގެ ވަރުދެރަވެ ހިނގާބިނގާވެ އުޅުމުގައިވެސް ގިނަބަޔަކަށް ދަތިތަކެއް ކުރިމަތިވާ މައްސަރެކެވެ. މިގޮތަށް ޢާއްމުގޮތެއްގައި ދިމާވަނީ ކެއިންބުއިމުގެ އާދަތައް ބެހެއްޓޭ ގޮތަކުން ކަމަށް ޑައިޓީޝަނުން ވިދާޅުވެއެވެ. އެހެންކަމުން ރަނގަޅު ޑައިޓެއް ޚިޔާރުކުރުމަށްފަހު ހެލިފެލިވެ އުޅުން މިމަހު އިތުރުކުރުމަކީ މަސް ނިމިގެންދާއިރު ބަރުދަން އިތުރުނުވެ ހިފެހެއްޓުމަށް މުހިއްމުކަމެކެވެ. ކަސްރަތު ކުރުމުގައިވެސް ރޯދައަށްހުރެ ބަރުއުފުލުންފަދަ ބުރަ ބޮޑު ކަސްރަތުތައް ކުރުމުގެ ބަދަލުގަ އާދައިގެ ލުއި ކަސްރަތު ކުރެވިދާނެއެވެ. އެގޮތުން ހިނގަންދިޔުމާއި ދުވަން ދިޔުމާއި ޕުލާޓީސް ފަދަ ކަސްރަތުތައް ކުރެވިދާނެއެވެ. މަޑުމަޑުން ފަށައިގެން ކަސްރަތުކުރުމުގައި ހޭދަކުރާ ވަގުތު އިތުރުކުރެވިދާނެއެވެ.
ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރަށްވާއިރު މިމަހު ރޭއަޅުކަމުގައި ގިނަ ބަޔަކު ޝާމިލުވެއެވެ. އެގޮތުން ތަރާވީސްނަމާދަށްފަހު ބައެއްމީހުން އަރާމުކޮށްލާ ރޭއަޅުކަމަށް ހޭލުމަށް ތައްޔާރުވާއިރު ގިނަބަޔަކު ޓީވީ ބެލުމާއި ތަރާވީސްދަމު ޢާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް ޓީވީ ބެލުމުގައި ވަގުތު ހޭދަކުރުމަށްފަހު ލަސްވާފަހުން ނިދުމަށްފަހު އަނެއްކާވެސް ރޭއަޅުކަމަށް ހޭލައެވެ. މީގެ ސަބަބުން ރަނގަޅަށް ހަށިގަނޑާއި ސިކުނޑި މަސައްކަތްކުރުމަށް ބޭނުންވާވަރަށް ހަށިގަނޑުގެ ލޮޑުކަންފިލާ ތާޒާއެއް ނުވެއެވެ. އެހެންކަމުން ރޭއަޅުކަމުގައި ހަމަޖެހިގެން މަޝްއޫލުވުމަށާއި އަނެއްދުވަހުގެ މަސައްކަތަށް ހަމަޖެހިގެން ކުރިމަތިލުމަށް ނިދިހަމަކުރުމާއި އަރާމުކުރުމަށް ވަގުތު ހުސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.
ބަރަކާތްތެރި މިމައްސަރަކީ އަޅުކަމަށް ތައްޔާރުވާ މަހަކަށްވާއިރު އެތައް ގޯސް އާދަތަކުން ދުރުހެލިވެ ރަނގަޅު އާދަތައް އަށަގެންނެވުމަށްވެސް މަސައްކަތްކުރާ މަހެކެވެ. މީގެތެރެއިންވެސް ހަށިގަނޑަށް އެންމެ ގެއްލުންވާ އެއް ކަންތައް ކަމަށްވާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުމަކީ ދުޅަހެޔޮކަމަށްޓަކާ ކުރެވިދާނެ ވަރަށް މުހިއްމުކަމެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުނުކޮށް 14 ވަރަކަށް ގަޑިއިރު ހޭދަކުރެވޭނަމަ އިތުރު 10 ގަޑިއިރު އެއާނުލާ ހުރެވިދާނެއެވެ. ފުރަތަމަ ދުވަސްކޮޅު ބައެއް މީހުންނަށް އުނދަގޫތަކެއް ނުވަތަ ނުތަނަވަސްކަމެއް ކުރިމަތިވީނަމަވެސް މިއީ ދުރު މުސްތަޤުބަލަށްޓަކާ ކުރެވޭނެ މުހިއްމުކަމެކެވެ. އަދި މީހާގެ މުޅި ދުޅަހެޔޮކަމާވެސް ގުޅިފައިވާކަމެކެވެ.