އިނގިރޭސި ރާނީ އެލިޒަބެތުގެ ފިރިކަލުން އަދި ޑިޔުކު އޮފް އެޑިންބަރގު ޕުރިންސު ފިލިޕުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.
ޕުރިންސު ފިލިޕުގެ ޖަނާޒާ ބާއްވާފައިވަނީ ވިންޑުސޯގައި ހުންނަ ސެއިންޓު ޖޯޖްސް ޗޭޕަލުގައެވެ. ކޯވިޑް-19ގެ ސަބަބުން ޖަނާޒާގައި ބައިވެރިވުމުގެ ޙުއްދަ ދީފައިވަނީ ޝާހީ އާއިލާގެ އެންމެ 30 މެންބަރުންނަށެވެ. އެ ޖަނާޒާގައި ރާނީ އެލިޒަބެތުގެ އިތުރުން އެ ދެމަފިރިކަނބަލުންގެ ހަތަރު ބޭފުޅުންނާއި ޕުރިންސު ފިލިޕަށް ކާފަ ވިދާޅުވާ ބޭފުޅުންނާއި ދަނބިދަރީންވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ވަލީއަހުދު ޗާލްސާއި އޭނާގެ ދެ ދަރިކަލުންކަމަށްވާ ހެރީއާއި ވިލިއަމުވެސްވަނީ ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ. އެ ބޭފުޅުންގެ އިތުރުން ޝާހީ ޢާއިލާއަށް ނިސްބަތްވާ އިތުރު ޚާއްޞަ ބޭފުޅުންތަކެއްވެސްވަނީ ފިލިޕުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ. އެއް ގަޑިއިރަށް ދެމިގެންދިޔަ ޖަނާޒާގައި އިނގިރޭސިވިލާތުގެ އަސްކަރީ ބާރުތަކުންވަނީ އެމަނިކުފާނަށް އެންމެ ފަހުގެ އިޚުތިރާމު ޢަދާކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާނީ އެލިޒަބެތު ހުންނެނީ ޢައިލާގެ މެންބަރުންނާ ދުރުގައެވެ. 73 އަހަރު އެކުގައި އުޅުއްވި ފިރިކަލުން އަވަހާރަވުމާއެކު ރާނީ އެލިޒަބެތު ގިނިކަންޏާ ހުންނެވި މަންޒަރު ފެނުން ވެގެން ދިޔައީ ވަރަށް ހިތްދަތި މަންޒަރަކަށެވެ.
1947ވަނަ އަހަރުގެ ތެރޭގައި ރާނީ އެލިޒަބެތާ ކައިވެނި ބައްލަވައިގެންނެވި ޕުރިންސް ފިލިޕަކީ އެކަމަނާގެ ހިތްވަރާއި ބާރުގެ ފަހަތުގައިވާ ސިއްރުގެ ގޮތުގައި އެކަމަނާ މީގެ ކުރިންވަނީ ސިފަކުރައްވައިފައެވެ. އެކަމަނާއާއި ފިރިކަލުންނާ ވަކިވެވަޑައިގަންނަވަން ޖެހިފައިވަނީ ޝާހީ ޢައިލާގެ ތެރޭގައި ގިނަ މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޝާހީ ޢައިލާގެ އުޞޫލުތައް ބައްޓަންކޮށްފައި އޮންނަގޮތުން އެ ޢާއިލާއަށް ނިޞްބަތްވާ ބޭފުޅުންގެ އިޙުސާސްތައް އާންމުންނަށް ސިއްރުކުރުމަށް އަބަދުވެސް ބާރުއަޅައެވެ. އެހެންކަމުން ކޯވިޑް-19ގެ ސަބަބުން މާސްކު އަޅުއްވަން ޖެހިވަޑައިގަތުމާއި ދުރުދުރުގައި ތިއްބަވަން މަޖުބޫރުވުމުން ޝާހީ ޢާއިލާގެ މެންބަރުންނަށް މާސްކުތަކުގެ ފަރުދާގައި ކީރިތިކުރައްވައި ހިތާމަކުރެއްވުމަށްވަނީ ފުރުޞަތު ލިބިވަޑައިގެންފައެވެ.
އޭޕުރިލް މަހުގެ 9ވަނަ ދުވަހު އުމުރުފުޅުން 99 އަހަރުފުޅުގައި އަވަހާރަވި ޕުރިންސު ފިލިޕުގެ ޖަނާޒާގައި ޕުރިންސު ވިލިއަމާއި ޕުރިންސް ހެރީ ބައިވެރިވެވަޑައިގެންނެވުން ވެގެންދިޔައީ ޝާހީ ޢާއިލާގެ ތެރޭގައި މިފަހުން ޖެހުނު މައްސަލަތަކަށްފަހު ދެބެއިން އެކުގައި ކެމެރާތަކުގެ ކުރިމައްޗަށް ނުކުންނެވި ފުރަތަމަ ފަހަރަށެވެ. އެއާއެކު އާންމުންގެ ލޯތައްވަނީ ދެ ބޭފުޅުންގެ ޙަރަކާތްތަކަށް ވަރަށް ބޮޑަށް ހުއްޓިފައެވެ. ދެވަނަ ދަރިފުޅަކަށް ބަލިވެ އިންނެވި ޕުރިންސް ހެރީގެ އަނބިކަންބަލުން މެގަން މަރކަލް ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެއްނުވެއެވެ.
ރާނީ އެލިޒަބެތާއި ޕުރިންސު ފިލިޕުގެ ޒަމާންވީ ލޯބީގެ ގުޅުމުގެ އެންމެ ފަހު ބާބަކަށްވާނީ ރާނީ އެލިޒަބެތު އަވަހާރަވުމުން ދެބޭފުޅުން އެކުގައި ފަސްދާނުވެޑުވުމެވެ. ރާނީ އެލިޒަބެތު އަވަހާރަވަންދެން ޕުރިންސު ފިލިޕުގެ ހަށިކޮޅު ބާއްވާފައި އޮންނާނީ ސެއިންޓު ޖޯޖްސް ޗޭޕަލުގެ ބިންގަރާހެއްގައެވެ.