ޚަބަރު

ކޯވިޑް-19 ދިފާޢު: އިއްޔެ 1300 މީހުން ވެކްސިން ޖެހި


ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދުގެ ހުކުރު ދުވަހު ކޯވިޑް-19 ދިފާޢު ވެކްސިން ދިނުން ކުރިއަށް ގެންދަނީ އަތޮޅުތަކުގައި އެކަންޏެވެ. ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން ޖުމްލަ 1300 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ،އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ޖެހި މީހުންގެ ތެރެއިން ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 763 މީހުންނެވެ. އަދި މުޅިން އަލަށް 547 މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ހުކުރު ދުވަހު މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަލަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 763މީހުންނާއެކު، ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 35294 އަށް އަރާފައެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަކުރި 547މީހުނާނާއެކު، ރާއްޖެއިން ކޯވިޑް-19 ދިފާއު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުމިވަނީ 278069އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 4 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަތޮޅުތަކުން 240 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންވެސް ޖަހައިދޭން ފަށާފައެވެ.

ރަމަޟާންމަހު ވެކްސިން ޖަހައިދިނުން ކުރިއަށްގެންދަނީ ރޭގަނޑުއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުންގެ ޢަދަދު އިތުރުވެ އެޗްޕީއޭއިން ވަނީ ވެކްސިން ޖަހައިދޭ ވަގުތުވެސް އިތުރުކޮށްފައެވެ. އެގޮތުން މިހާރު ވެކްސިން ޖަހައިދެމުން އަންނަނީ ރޭގަނޑު 21:00 އިން23:45އަށެވެ.

އެޗްޕީއޭއިން މިހާރު ވަނީ އެރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމަކާ ނުލާ ދަތުރުކުރެވޭނެ ގޮތް މިމަހުގެ 20 ފެށިގެން ހަމަޖައްސާފައެވެ.