ކުޅިވަރު

މާޒިޔާއިން ތާވަލްގެ އެއްވަނައިގައި ލީޑް ފުޅާކޮށްފި


ދިރާގު ދިވެހި ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނާގައި މާޒިޔާއިން 6 ޕޮއިންޓްގެ ލީގްއެއް ނަގައިފިއެވެ. ލީގްގައި ރޭ މާޒިޔާވަނީ ޓީސީ ސްޕޯޓްސް ކުލަބްއާއި ވާދަކޮށް 3 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ.

މިމޮޅާއެކު މާޒިޔާއަށް ތާވަލްގެ އެއްވަނާގައި 28 ޕޮއިންޓު ލިބިފައިވާއިރު، ދެވަނާގައިވާ ކުލަބް ވެލެންސިޔާއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. މާދަމާ ރޭ ކުލަބް ވެލެންސިޔާ އާއި ދަ ގްރާންޑޭ ވާދަކުރާ މެޗުން ވެލެންސިޔާ މޮޅުވެއްޖެނަމަ، މިފަރަގު 3 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ވެލެންސިޔާއަށް އޮބައޮތެވެ. މެޗް ފަށައިގެން މާޒިޔާގެ ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީ ސެއިން ވިންސެންޓް ގައުމީ ޓީމްގެ މެޗްތަކަށްފަހު އެބުރި އައިސް މާޒިޔާއާއި ގުޅުނު އެޓީމްގެ ފޮވާޑް ކޮނޭލިއަސް ސްޓެވާޓްއެވެ. ނަމަވެސްސްޓެވާޓް ފޮނުވާލި ހަމަލާދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި މާޒިޔާގެ ކުރިއަށް ކުޅޭ ކުޅުންތެރިންކަމަށްވާ ހަމްޒާ މުހައްމަދާއި އިބްރާހިމް ވަހީދަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަދި މެޗްގެ ފުރަތަމަ ހާފްގައި މުހައްމަދު އުމެއިރަށްވެސް ވަރަށް ރަނގަޅު ދެ ތިން ފުރުސަތެއް ލިބިވަނީ ބޭކާރުވެފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޓީސީއަށް ގޯލްއެއް ކާމިޔާބުކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމްގެ ފޯވާޑް ސެމިއުލް ކޯޑެލްއަށެވެ. ނަމަވެސް ސެމިއުލް ފޮނުވާލި ހަމަލާވަނީ މާޒިޔާގެ ގޯލް ކީޕަރު ހުސެއިން ޝަރީފް ދިފާޢުކޮށްފައެވެ. މިހަމަލާއަށްފަހުވެސް ސެމިއުލްއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މީގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ސެމިއުލްއަށް ހިފޭ ގޮތެއް ނުވިއެވެ.


މެޗްގައި އެންމެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ މާޒިޔާއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 43ވަނަ މިނެޓްގައި ކޯނޭއެވެ. މެޗްގެ ދެވަނަ ހާފްގެ ކުޅުންފެށިތާ މާގިނައިރުތަކެއް ނުވަނީސް މާޒިޔާއަށް ލީޑް ފުޅާކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މުހައްމަދު އުމެއިރަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އެބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މެޗްގައި ޓީސީއަށް އެއްވަރުކޮށްދިން ލަނޑު 52ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އައްޒާމްއެވެ. މެޗްގައި މާޒިޔާއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ އިބްރާހިމް މަހުދީއެވެ. މިލަނޑަށްފަހުވެސް އިއްބެއަށް ލީޑް އިތުރަށް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އިއްބެ ފޮނުވާލި ހަމަލާވަނީ ޓީސީގެ ކީޕަރު އާޒާދް ދިފާޢުކޮށްފައެވެ.

މެޗްގެ 76ވަނަ މިނެޓްގައި މާޒިޔާގެ ހަމްޒާއަށްވެސް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ހަމްޒާ ފޮނުވާލި ގޯލްއާއި ދިމާލަށް ފޮނުވާލި ބޯޅަ، ގޯލް ކުރިމަތިން ހުރަސްވެގެންގޮސް ދިޔައީ ގޯލްގެ ދަނޑިކަރިން ބޭރަށެވެ. މެޗްގައި މާޒިޔާއަށް ލީޑް އިތުރަށް ފުޅާކޮށްދިނީ އިބްރާހިމް ވަހީދުއެވެ. އޭރިޔާގެ ތެރޭގައި ހުސްކޮށްހުރެފައި އިއްބެ ފޮނުވާލި ބޯޅަ ގޮސްވަނީ ގޯލްގެ އަރިމަތީ ކަނަށެވެ.

މިހާރު ޓީސީ އޮތީ ލީގުގެ 6 ވަނައިގައެވެ. އެއީ އެޓީމް ކުޅުނު 13 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކުއެވެ. 5 ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް 5 ވަނާގައި އޮތީ ލަނޑުގެ ތަފާތުންނެވެ.