ޚަބަރު

މިދިޔަ އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 567 މީހަކަށް އެހީތެރިވި


މާލީ ގޮތުން ދަތިކަން ހުރި މީހުންނަށް ބޭސްފަރުވާ ކުރުމަށް މިދިޔަ އަހަރު ޒަކަތު ފަންޑުން 567 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ވޭތުވެދިޔަ އަހަރު ނިމުނުއިރު ޒަކާތު ފަންޑުގައި 128،918،296.13 ރުފިޔާ ހުރިކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ޢާއްމުކޮށްފައިވާ އެ މިނިސްޓްރީގެ 2020ވަނަ އަހަރުގެ އަހީރީ ރިޕޯޓުގައި ވާގޮތުން ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށްޓަކައި މިދިޔަ އަހަރު 6،338،337 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޯވިޑް-19އާ ގުޅިގެން ޒަކާތު ފަންޑުން، ބޭސްފަރުވާގެ އެހީއަށް އެދިފައިވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށްވަނީ މަދުވެފައެވެ. އަދި ބޭސްފަރުވާއަށް ކޮށްފައިވާ ޚަރަދު އެހެން އަހަރުތަކާ އަޅާބަލާއިރު ބޮޑުތަނުން މަދުވެފައިވާކަން އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ޢާއްމުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން އެންމެ ގިނައިން ޒަކާތު ފަންޑުން ފައިސާ ދޫކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށެވެ. މިގޮތުން އެފަދަ 144 މީހަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. ދެން އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ލޮލުގެ ބައްޔަށެވެ. ލޮލުގެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ވޭތުވެ ދިޔަ އހަރު ވަނީ ހިތުގެ ބަލި ހުންނަށް 26 މީހަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވޭތުވެ ދިޔަ އހަރު ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޯޓިޒަމަށް ފަރުވާ ދިނުމަށްޓަކައި 14 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޯށްދީފައެވެ. މީގެ އިތުރުން ހޮސްޕިޓަލް ބިލްތައް ދެއްކުމަށާއި ޓްރާންސްޕްލާންޓް ހެދުމަށް މިއިން ކޮންމެ ދާއިރާއަކުން 7 މީހަކަށް މިދިޔަ އަހަރު ވަނީ ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޒަކާތު ފަންޑުން އެކިކަންކަމަށް އެހީތެރިކަން ފޯރުކޯށްދެމުން އަންނައިރު ވޭތުވެދިޔަ އަހަރުވަނީ ފުލް ސްކޮލަރޝިޕް ލިބިގެން ކިޔަވަމުންދާ 13 ދަރިވަރަކަށް 2020ވަނަ އަހަރު ޖުމްލަ 677،166.10 ރުފިޔާ ޚަރަދުކޮށްފައެވެ.

މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި ކިޔަވައިދިނުމަށާއި ބޭސްފަރުވާއަށްވެސް ޒަކާތު ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރަށް ބައެއް ހާލަތްތަކުގައި މިސްކިތްތައް އާބާތުރަ ފިލުވުމަށާއި އެނޫންވެސް، ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް މިހާތަނަށް އައިރުވެސް ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށާއި މަތީ ތަޢުލީމް ހާސިލް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަންކަން ފާހަގަކޮށްލަން ޖެހެއެވެ.

މިފަދަ ބޮޑު ޚަރަދުތަކެއް ހިނގާ ކަންކަމަށް ޒަކާތު ފަންޑުން ޚަރަދު ކުރަމުންދާއިރު އެ ފަންޑަށް ފައިސާ ލިބެނީވެސް ރައްޔިތުންގެ ފަރާތުންނެވެ. ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބޭ ފައިސާ ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރަނީ އެފަންޑަށެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ އަނެއްކާވެސް ހަމަ ޚަރަދު ކުރަނީ ދިވެހި ރައްޔިތުން ބޭނުންވާ ކަންކަމަށް ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ.