ޚަބަރު

ސީޕީ ޙަމީދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ސީޕީ ހަމީދު ވިދާޅުވީ، ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ހޯމް ކަރަންޓިނުގައި މިހާރު ހުންނެވިކަމަށެވެ. ސީޕީ ކޯވިޑަށް ޕޮޒިޓިވްވެފައިމިވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖައްސަވާފައިވަނިކޮށެވެ. ދެވަނަ ޑޯޒް ޖައްސަވާފައިވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ.

ސީޕީ ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އަލަށް އެކުލަވާލި ޕޮލިސް ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އޮންލައިންކޮށްކަމަށެވެ. ޙަމީދު ވަނީ އަލަށް އެކުލަވާލި ޕޮލިސް ބޯޑުގެ 7 މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެ ޖަވާބުދާރި ކުރުވޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނުގެ ދަށުން ޕޮލިސް ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވަނީ މިމަހުގެ 9ވަނަ ދުވަހުއެވެ. ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ބޭފުޅެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ޕޮލިސް ބޯޑުގައި ހިމެވިވަޑައިގަންނަވާ މެންބަރުންނަކީ އަޙްމަދު ފަޔާޟް ޙަސަން، ޢާއިޝަތު ނޫރާ މުޙައްމަދު، ޢަލީ ފާއިޒު، އަޙްމަދު ނާޝިދު، އާދަމް އިބްރާހީމް، ޙާމިދު ޢަބްދުލްޣަފޫރުގެ އިތުރުން އަލްއުސްތާޛާ ޞަފާ ޝަރީފެވެ.