ޚަބަރު

އިންތިޚާބީ ކައުންސިލަރުން ހުވައިކުރުން އަންނަ މަހުގެ މެދުތެރޭގައި


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދު ތެރޭގައިކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވިދާޅުވެއްޖެއެވެ.

ކައުންސިލަރުން ހުވައިކުރުމާ ގުޅޭގޮތުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ރޯދައިގެ ފަހުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކައުންސިލަރުން ހުވައިކުރާނެ ތަރީޚު ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްގައިވަނީ ހޮނިހިރު ދުވަހުއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަ ހުކުރު ދުވަހުގެ ކުރިން އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާވެސް ވީހާވެސް އަވަހަށް އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުންނާއި ކައުންސިލަރުން ހުވައިކުރުމާ ހަމައަށް ކައުންސިލްގައި ދެމިތިބޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

އިންތިޚާބުގެ މިހާތަނަށް ޢިއުލާންކޮށްފައިވާ ނަތީޖާ ދައްކާގޮތުން 189 ގޮނޑިއާއެކު އެންމެ ކުރީގައި އުޅެނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއެވެ. އިދިކޮޅު ޕީޕީއެމްއަށް ލިބިފައިވަނީ 165 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުން 46 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީއޭ 20 ގޮނޑި، ޢަދާލަތު ޕާޓީ 12 ގޮނޑި، ޖުމްހޫރީ ޕާޓީ 5 ގޮނޑި އަދި އެމްއާރުއެމް އެއް ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ ޢިއުލާންކުރާއިރު، މިޢަދަދުތަކަށް ބައެއް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.