ޚަބަރު

މަގުތަކުގައި ތާރު އެޅޭނީ މަގުތަކުގެ އަޑީގައި މައްސަލަ ނެތްކަން ކަށަވަރުކުރެވިގެން: ކައުންސިލް


"މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެދަށުން މާލޭގެ މަގުތަށް ހަދަން ފެށުމުން އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، މާލޭގެ މަގުތައް ތާރު އަޅައިގެން ނަހަދަނީ ކީއްވެގެންތޯއެވެ. މާލޭ މާގުތަށް ޒަމާނި ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން 400 އަށްވުރެ ގިނަ މަހު ތަރައްޤީކުރުމުގެ މަސައްކަތް، ސަރުކާރުން ފެށީ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފައިވާ މި މަސައްކަތުގައި، މަގުތައް އަލުން ހަދަނީ ގައު އަތުރައިގެންނެވެ. މިއީ އާއްމުންގެ ޝަކުވާ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ޢަމާޒުވި ކަމެކެވެ.

މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިހާރުވެސް މި ޝަކުވާ ކައުންސިލަށް ވަރަށް ބޮޑަށް ކުރިމަތިވާކަމަށެވެ. ސިފާ ވިދާޅުވީ މި ޕްރޮޖެކްޓްގެ އެންމެ ބޮޑު މަޤްސަދަކީ މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުންކަމަށެވެ. ސިފާ ވިދާޅުވީ މާލޭގެ މަގުތަކުގެ ޙާލަތު އިނގޭ އެއްވެސް މުއައްސާއެއް ނެތްކަމަށެވެ.

ސިފާ ވިދާޅުވީ މަގުތަކުގެ އަޑި އޮތް ޙާލަތު ފެންނަން ފެށީ، މަގުހެދުމުގެ މަސައްކަތަށް މަގުތައް ކޮންނަން ފެށުމުންކަމަށެވެ. މަގުގެ އަޑީގައި އަޅާފައިވާ ހޮޅިތަކާއި ކޭބަލްތަކީ އެއްވެސް ތަރުތީބެއް ނެތި އަޅާފައިވާ ތަކެތިކަން ޞިފާ ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ޙަލުނުކޮށް މަގުތަކުގައި ތާރު އަޅައިފިނަމަ، ދެން ފެންނަން ފަށާނީ މަގުތަކުގެ މަތިން ހޮޅިތައް ދުއްވަން ޖެހޭ ޙާލަތުކަމަށް ސިފާ ވިދާޅުވިއެވެ.

"މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ ތާރު އަޅައިގެން މަގުތައް ހަދަން. އޭރުން މަގުތައް ފެންނާނީ ވަރަށް ރީތިކޮށް. ނަމަވެސް އެއީ މިވަގުތަށް ޙައްލެއް ނޫން. މަގުތަކުގެ އަޑީގައި މައްސަލަ ނެތްކަން ޔަގީންކުރެވޭ ހިސާބުން ތާރަށް ދެވޭނީ." ސިފާ ވިދާޅުވިއެވެ.

ޞިފާ ވިދާޅުވި މިހާރު ތާރުއަޅާފައިވާ މަގުތަކުގައި މަތިން ހޮޅިތައް އަޅާ، އޭގެމަތިން ފިލާ އަޅަންޖެހެނީ ރަނގަޅަށް ޕްލޭން ނުކުރެވި މަގުތައް ހަދާފައިވުމުގެ ސަބަބުންކަމަށެވެ. އޭގެ ބަދަލުގައި މިހާރު މަގުތައް ހަދަމުންދަނީ ފެން ހިންދާ ޑީވޯޓަރިންގ ހޮޅިތައްވެސް މަގުގެ އަޑީގައި ހިމަނައިގެންކަމަށެވެ. މީގެ ސަބަބުން އިތުރަށް މަގުތައް ނުކޮނެ، ކޮންސްޓްރަކްޝަން ސައިޓްތަކުން ބޭރުކުރާ ފެން ފަސޭހަކަމާއެކު ބޭރުކުރެވޭނެކަމަށެވެ. ޞިފާ ވިދާޅުވީ އަލަށް ހެދި މަގުތަކުގައި ޑީވޯޓަރިންގ ހޮޅި މަގުތަކުގެ މަތީގައި އަޅާ މަންޒަރު މިހާރު ނުފެންނާނެކަމަށެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގައި ޔޫޓީލިޓީ ކުންފުނިތަކާ ގުޅިގެންވެސް މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން އެ ކުންފުނިތަކުން މަގުތައް ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް، މަގު ނުކޮނެ ކުރެވޭނެ އިންތިޒާމްތަކާއެކު މަގުތައް ފަރުމާކޮށްފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ދަނީ އެކިއެކި މަސައްކަތްތަކަށް މާލޭގެ މަގުތައް ބޭނުންކުރެވޭނެ ޤަވާއިދު އަލުން މުރާޖާކޮށް އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް މަސައްކަތް ކުރިއަށްދަނީ މާފަންނު ވެސްޓް ޕާކް ހިމެނޭ ސަރަޙައްދުގައެވެ. އަދި މާލޭގެ އިތުރު 3 ސަރަޙައްދެއްގެ މަސައްކަތް ފެށުމަށްވެސް މިހާރުވަނީ ތައްޔާރުވެފައެވެ.