ޚަބަރު

ރަމަޟާންމަހު ވެކްސިން ދިނުން ކުރިއަށްދާނީ ރޭގަނޑު 9-11އަށް


ރަމަޟާންމަހު މާލެ ސަރަޙައްދުގައި ވެކްސިން ދިނުން ކުރިއަށްދާނީ ރޭގަނޑު 21:00އިން ފެށިގެން 23:00އަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވި ވެކްސިން ޖެހުމުގެ ކަންކަން ދުވާލުގެ ވަގުތުގައި ކުރިއަށް ނުގެންދާނެކަމަށެވެ.

މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މިމަހުގެ 3ވަނަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށުމާއެކު އަނެއްކާވެސް ކިއުތައްވަނީ ދިގުވެފައެވެ.

މިވަގުތު މާލެ ސަރަޙައްދުގައި 7 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްގެންދެއެވެ. އެއީ ސޯޝަލް ސެންޓަރ، ނޭޝަނަލް އަރޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ސެނެހިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލްއެވެ. ޓްރީޓޮޕް ހޮސްޕިޓަލް ޚާއްސަކޮށްފައިވަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.

ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަޙައްދުގައި ވެކްސިންދޭ ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ރޭގަނޑު 21:0އިން ފެށިގެން 23:00އާއި ހަމައަށްކަމަށެވެ. މި ބަދަލަކީ ރަމަޟާންމަހަށް ގެނައި ބަދަލެކެވެ. މީގެ ކުރިން ހެނދުނު 10:00އިން މެންދުރުފަހު 03:00އާއި ހަމައަށް ވެކްސިން ދިނުން ކުރިއަށްގެންގޮސްފައިވެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންދާ މީހުން ވެކްސިން ކާޑު ގެންދަން ޖެހޭނެއެވެ. ވެކްސިން ޖަހަންދާ މީހުން އިތުރަށް ސަމާލްކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި އައިޑީ ކާޑް ގެންދިއުމާ، ވެކްސިން ޖަހަންދާއިރު ކޯވިޑް ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރުކުރުމާ، ވެކްސިން ޖަހަން ދާއިރު ކައިގެން ހުރުމާ، ބޮޑު ބައްޔަކަށް ފަރުވާކުރާ މީހެއްނަމަ އެކަމުގެ ލިއުންތައް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށީ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުއެވެ. މިހާރު ރާއްޖޭގައި ވަނީ 3ވެކްސިނެއް ދޭން ފަށާފައެވެ. އެއީ ކޮވިޝީލްޑާއި، ސިނޯފަރމް އާއި ޚާއްސަ ޙާލަތްތަކުގައިވާ މީހުންނަށް ފައިޒާ ވެކްސިން ދޭންވެސްވަނީ ފަށާފައެވެ.