ޚަބަރު

"ޤައުމީ މައްސަލަތައް ހައްލުކުރަން އިޚުލާސްތެރިކަމާއެކު ވާހަކަދައްކަންޖެހޭ"


  • ދިވެހިންގެ މެދުގައި ޤައުމީ ޖޯޝު އާލާކުރަންޖެހޭކަމަށް ރައީސް ވިދާޅުވި

  • ސިޔާސީ އޮއިވަރާއެކު އެއްބައިވަންތަކަމަށް ނޭދެވޭ އަސަރުކުރާކަންވެސް ފާހަގަކުރެއްވި

ޤައުމީ މައްސަލަތައް ހައްލުކުރަން އިޚުލާސްތެރިކަމާއެކު ވާހަކަދައްކަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޤައުމީ ދުވަހު އެމަނިކުފާނު ދެއްވާފައިވާ ތަޤުރީރުގައި ދެއްކެވި ވާހަފުޅު ރައީސް އިތުރަށް ތަފްސީލްކޮށްދެއްވިއެވެ. އެގޮތުން، ޤައުމީ ބަތަލުންގެ ޖިހާދުން ނަމޫނާ ހޯދުމާއި، ދިވެހިންގެ އެއްބައިވަންތަކަން އާލާކުރުމުގެ މުހިންމުކަމާމެދު ރައީސްދެއްކެވި ވާހަކަތައް ތަކުރާރުކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ދެމެހެއްޓެނެވި މާނަހުރި ގޮތުގައި ޤައުމުގެ ކަންކަން އިސްލާޙުކުރާ ނަމަ، ޤައުމުގައި ހިނގާ ކަންކަމުގެ ވާހަކަ ތެދުވެރިކަމާއެކު ދައްކަން ޖެހޭކަމަށެވެ. އަދި ޤައުމުގެ މައްސަލަތައް ހައްލުކުރުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރަންޖެހޭކަމަށާއި، އެ މަސައްކަތްކުރެވޭނީ އެންމެން އެކުގައި، އެއް އަމާޒެއްގައި މަސައްކަތްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު މި ޤައުމަށް ވެފައި އޮތްގޮތުގެ ވާހަކަދައްކައިގެން ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ޤައުމު ރަނގަޅުކުރެވޭނީ. މީގެ ކުރީގައި ވެސް ޤައުމީ ދުވަސްތައް އައިސްފައި ދިޔައީ. ނަމަވެސް އެދެވޭ ގޮތެއްގައި މިކަހަލަ ކަންކަމަށް އެޑްރެސް ކުރެވިފައެއް ނުވޭ" ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައިކަމަށާ، އެއީ ހިތާމަކުރަންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިން ދިވެހިންނަކީ މީހުންނަށް ކަމޭހިތާ ބައެއްކަމަށާއި، ރާއްޖެއަކީ އޯގާތެރި މުޖުތަމަޢުއެއް އޮތް ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ބަދަލުވީ ރާއްޖެއަށް އައި ސިޔާސީ އޮއިވަރާ އެކުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެންމެން އެއް ނިޔަތެއްގައި ޤައުމު އިސްލާޙުކުރަން މަސައްކަތްކޮށްފިނަމަ އެކަން ޚާސިލްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކުޑަ މުޖުތަމަޢުއެއް އޮތް ޤައުމަކަށްވުމާއެކު، އެކަކު އަނެކަކަށް އިޚްތިރާމްކުރުމުގެ އާދަ ދިވެހިންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމުކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޤައުމު ޤައުމެއްގެ ގޮތުގައި ކުރިއަށްގެންދަންޏާ އަޅުގަނޑުމެންގެ ޤައުމު މި ހިސާބަށް ބޮޑެތި ޖިހާދުތައް ކޮށްގެން ސަލާމަތްކޮށްދެއްވި ބޭފުޅުން ދެއްކެވި މިސާލާ، އެ ބޭފުޅުން މި ޤައުމު ބައްޓަންކުރެއްވި ގޮތާ، މި ޤައުމު މިއަދާއި ހިސާބަށް ގެނެސްދިނުން ދިނުން އަޅުގަނޑުމެންގެ ޒިނާމްއެއްގެ ގޮތުގައި ބަލަންވާނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުފަދަ ދިވެހި ބަތަލުންގެ ނަމޫނާއިން ކަންކަން ދަސްކުރަން ޖެހޭ ކަމަށާއި، ދިވެހިންގެ ތެރޭގައި ޤައުމީ ޖޯޝު އާލާކުރަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހަޤީޤީ ތަރައްޤީއަކީ އުޅުމާއި، ވިސްނުމުގެ ތަރައްޤީކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމްދީނާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ޤާނޫނީ ނިޒާމެއް ބައްޓަންކުރައްވާނެކަމަށްވެސް ރައީސް ވަނީ ޤައުމީ ދުވަހުގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ. އެކަމުގެ އިތުރު ތަފްސީލްތަކަށް "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް އަލިއަޅުއްވާލެއްވިއެވެ.

ރައީސް ވިދާޅުވީ، ޤައުމާ އެއްކޮޅަށް އެންމެން ތިބެންވާނެކަމަށް ފާހަގަކުރެއްވީ، ރާއްޖޭގެ މާޒީއަށް ބަލާއިރު ދިވެހިންގެ ތެރެއިން ބަޔަކު ޤައުމާ ދެކޮޅަށް މަސައްކަތްކޮށްފައިވާތީކަމަށެވެ. ފިކުރީގޮތުންނާއި، ކުރާ ބައެއް ޢަމަލުތަކާއި، ލިޔާ ބައެއް ލިޔުންތަކުންވެސް ޤައުމާއި ދެކޮޅު ވެވިދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އަސްލާއި، ދިވެހި ޤައުމުގެ ބަހާތައް ފުނޑުފުނޑުވެ ވީރާނާވާގޮތަށް ކަންކަމަކީ ޤައުމާ ދެކޮޅަށް ކުރެވޭކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ކަންކަމާމެދު ޚިޔާލުތަފާތުވި ނަމަވެސް، އެފަދަ ޚިޔާލުތައް ޤައުމަށް ވުރެ އިސްކޮށްގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ބޭނުމެއްގައި އަމިއްލަ އެޖެންޑާއެއް ކުރިއަށްގެންދިއުން. ހަމަ ޤައުމާ ދެކޮޅުވުން. ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. އިޤްތިޞާދީގޮތުންވެސް ޤައުމާދެކޮޅު ވާހަކަދެއްކިދާނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ

ޤައުމަށް ފައިދާވާނެ ކަންކަމަށް ހުރަސް އެޅޭގޮތަށް ވާހަކަދެއްކުމަކީ ޤައުމާ ދެކޮޅުވުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަލާކުރުމަށާއި، މަސްވެރިކަން ހަލާކުރުމަށް ކުރާ ކަންކަމަކީ ޤައުމާ ދެކޮޅު ކަންކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އެއީ ރާވައިގެން ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުކޮށްލުންކަމަށް ރައީސް ވިދާޅުވިއެވެ.

ހަޤީގަތް ނުބަލާ ލިޔާ، ޒިންމާދާރުކަމެއް ނެތި ލިޔާ ލިޔުމުން ކުރާ ނޭދެވޭ އަސަރު ފާހަގަކުރައްވާ ރައީސްވަނީ އެފަދަ ކަންކަން ކޮށްގެން ނުވާނެކަން ފާހަގަކުރައްވާފައެވެ.

ޤައުމީ ދުވަހުގެ ތަޤުރީރުގައި ރައީސް ވަނީ އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެކަމުގެ ތަފްސީލްތައް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރަނގަޅު ޗެކްއެންޑް ބެލެންސް ނިޒާމެއް ޤާއިމްކުރެއްވުންކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެއެވެ. އެކަން އެގޮތަށް ހިނގާކަން ކަވަރުކުރުމަށް ޤާނޫނީ ނިޒާމަށް ބަދަލު ގެންނަވާނެކަމަށާއި، އެކަމާއި ގުޅޭ އިސްލާޙު މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.