ޚަބަރު

މުޅި ދުވާލު ކަރުހިއްކާ ރޯދަ ވީއްލާއިރަށް ލޮޑުވަނީ، މިވަނީ ކިހިނެތް؟


ރަމަޟާން މަހަކީ އެކި ގޮތްގޮތުން ޚާއްސަ މަހެކެވެ. އެގޮތުންވެސް ފާހަގަކުރެވޭ އެންމެ ބޮޑު އެއްކަމަކީ ކެއިންބުއިމަށް އަންނަ ބަދަލެވެ. މަސް ނިމިގެންދާއިރު ގިނަ މީހުންގެ ބަރުދަން އިތުރުވުމާއި ސިއްޙީ ގިނަ މައްސަލަތައް ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ މިއީއެވެ. އަދި މިމަހުގައި ކެއިން ބުއިން ބައްޓަންކުރެވޭގޮތުން މަދުންނަމަވެސް ބައެއް މީހުންގެ ސިއްޙީ މައްސަލަތައް ޙައްލުކުރުމަށް ލިބޭ ބާރަކަށްވެސް ވެގެންދެއެވެ.

ރަމަޟާންމަހު ހަށިގަނޑު މަސައްކަތްކުރާ ގޮތަށް ބަލާއިރު ހާރު ކެއުމުން ލިބިދޭ ހަކަތަ ޢާއްމުކޮށް ބޭނުންކުރަނީ ހަށިގަނޑުގެ އެންމެ ޙަރަކާތްތެރި ގުނަވަންތަކެވެ. އެގޮތުން ސިކުނޑިއާއި ހިތާއި ފުއްޕާމޭފަދަ ގުނަވަންތަކަކީ އަބަދުވެސް ދިރިހުރުމަށް މަސައްކަތްކުރަންޖެހޭ ގުނަވަންތަކެވެ. އެހެންނަމަވެސް ރޯދަމަހު ދުވާލު ގަޑީގައި ގޮހޮރުގެ މާބޮޑު މަސައްކަތެއް ނެތުމުން އެގުނަވަނަށް ހަކަތަ ބޭނުންވާވަރު މަދުވެއެވެ.

އެހެންކަމުން ސާދަވަރަކަށް ގަޑިއިރު ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާ ގޮހޮރުގެ މަސައްކަތް ފަށައިގަންނަ ގަޑީގައި ގޮހޮރަށް މާބޮޑަށް ލޯޑު ބޮޑުވާހެން ކެއިންބުއިމުގެ އާދަތައް ބެހެއްޓުމަކީ މީހާ ވަރުބަލިވެ ލޮޑުވުން އިހުސާސްވާ މައިގަނޑު ސަބަބުކަމަށް ޑައިޓީޝަނުން ވިދާޅުވެއެވެ. އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަޙީމް ވިދާޅުވަނީ ގޮހޮރަށް ދެވޭ ލޯޑުކުޑަކޮށް ހަށިގަނޑު ވަރުބަލިކަން ކުޑަކުރުމަށްޓަކާ ރޯދަ ވީއްލާ ގަޑިއަށް މޭވާއަކާއި ފެން ތަށްޓަކުން ރޯދަ ވީއްލުމަށްފަހު ކާންވީ އޭގެ 20 މިނިޓު ފަހުންކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން ގޮހޮރުގެ މަސައްކަތް ފަށައިގަތުމަށް ބާރުލިބި ވަގުތު ލިބޭނެކަމަށް އާސިޔާ ވިދާޅުވިއެވެ.

ކާންވީކޯޗެއް؟

ކެއުމުގައި މިންހަމަ ކެއުމެއް އިޚްތިޔާރުކުރެއްވުމަށް ޑައިޓީޝަނުން އަބަދުވެސް ބާރުއަޅުއްވައެވެ. އާސިޔާ އަބްދުއްރަޙީމް ވިދާޅުވީ ރޯދަމަހު ކެއިންބުއިމުގެ ކަންކަމަށް ސަމާލުކަން ނުދެވުމުގެ ސަބަބުން މަސްނިމޭއިރު ކޮލެސްޓްރޯލް މަތިވުމާއި ހަކުރު މަތިވުމާއި ބަރުދަން އިތުރުވުމުގެ މައްސަލަ އިތުރުވުމަކީ ޢާއްމުކަމެއްކަމަށެވެ.

ރޯދަ ވީއްލާ ގަޑީގައި ހެދިކާގެ ބާވަތްތައް ކެއުމުގެ ބަދަލުގައި އެންމެ ފައިދާ ހުރިގޮތަކީ ފަލަމަޑީގެ ބާވަތެއް ނުވަތަ ގޮވާމުގެ ބާވަތަކާއި މަހުގެ ކޮންމެވެސް ބާވަތެއް ހިމަނާލުން ކަމަށް އާސިޔާ ވިދާޅުވިއެވެ. އާސިޔާ ވިދާޅުވީ ހެދިކާ އަކީ ވަރަށް ބައިވަރު ހަކަތަ އޭގައި ހިމެނޭ އެއްޗަކަށްވުމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ހަކަތަ ގިނަވެ ދުޅަހެޔޮކޮށް ހުރުމަށް ބޭނުންވާ ބައިތައް އޭގެއިން ނުލިބޭ ކަމަށެވެ.

ރޯދަ ވީއްލާ ގަޑީގައި ބަތްޕެން، ބަތް، ރޮށި، އަލުވި، ކޫސްކޫސް، އޯޓްސް، މަސްކުރޮޅި، ފިހުނު މަސް ފަދަ ބާވަތްތައް ހިމެނިދާނެއެވެ. ހަމައެއާއެކު ޕޮޓޭސިއަމް ހިމެނޭ ކާނާގެ ބާވަތްތައް ހާރުކާގަޑީގައި ހިމެނުމަކީވެސް ދުވާލުގަޑީގައި ވަރުބަލިވުން ކުޑަކޮށްދޭނެކަމެކެވެ. އޭގެ ތެރޭގައި ކިރުގެ ބާވަތްތަކާއި ތަރުކާރީއާއި މޭވާ ހިމެނެއެވެ. ތަރުކާރީއާއި މޭވާގެ ތެރޭގައިވެސް ހިމެނޭ ފެން ގިނަ ބާވަތްތައް ބޭނުންކުރެވިދާނެއެވެ. މީގެ ތެރޭގައި ކިއުކަމްބާ، އޮރެންޖް، ކަރާ ފަދަ ބާވަތްތައް ހިމެނެއެވެ. އަދި ބްރޯކޮލީއާއި އަލުވި އަދި ކައްޓަލަ ފަދަ ބާވަތްތަކަކީ ގިނަ ޢަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ ކާނާއެވެ.

ދުވާލު ކަރު ހިއްކަނީ ފެން ނުބޮވޭތީތަ؟

ރޯދަމަހުގެ ދުވާލުގަޑިއަކީ ގިނަބަޔަކު ކަރުހިއްކާ އެކަމުގެ އުނދަނގުލާ ކުރިމަތިވާ މަހެކެވެ. ގިނަބަޔަކަށް ޤަބޫލުކުރެވިފައި އޮންނަނީ މިމައްސަލަ ކުރިމަތިވަނީ ރޭގަނޑުގެ ވަގުތު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުބޮވޭތީކަމަށެވެ. ޑައިޓީޝަން އާސިޔާ ވިދާޅުވީ ހަގީގަތުގައި ކަން އޮތީ މިހެންނޫންކަމަށެވެ. އަސްލު ރޭގަނޑުގެ ގަޑިތަކުގައި ކެއުމުގައި ލޮނު ހިމެނޭ ބާވަތްތައް އިތުރުވުމަކީ ދުވާލު ކަރުހިއްކުމަށް މަގުފަހިވާ ސަބަބުކަމަށް އާސިޔާ ވިދާޅުވިއެވެ.

ކެއްކުމުގައި ލޮނު މަދުން ހިމެނިކަމުގައިވީ ނަމަވެސް ގިނަ ޢަދަދަކަށް ލޮނު ހުންނަ ޕްރޮސެސްޑް ކާނާގެ ތެރޭގައި އެކި ބާވަތުގެ ސޯސްތަކާއި ސެލެޑް ޑްރެސިންގ ހިމެނެއެވެ. މިބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމުން ދުވާލު ގަޑީގައި ރޯދަ ވަރުބަލިވެ ކަރުހިއްކުމުގެ މައްސަލަ ޙައްލުވުމަށް މަގުފަހިކޮށްދެއެވެ.

ރޯދަ ވީއްލާ ގަޑީގައި ފަނި ބުއިމަކީވެސް ފައިދާ ހުރިކަމެއް ނޫންކަމަށް އާސިޔާ ފާހަގަކުރެއްވިއެވެ. ފަނި ގިރުމުގައި ހަކުރު ބޭނުންކުރުމާއި ފަނި ގިނައިން ބޭނުންކުރުމަކީ މިންހަމަ ކެއުމަކާ މީހާ ދުރުކުރާ ކަމަކަށްވާތީއެވެ.

ރޯދަމަހު ޢާއްމުކޮށް ކެއުމުގައި ހެދޭ އެއް ގޯހަކީ ހަކުރުގިނައިން ބޭނުންކުރުމެވެ. އަދި ހަމައެއާއެކު ޕްރޮސެސްޑް ކާނާގެ ބާވަތްތައް ބޭނުންކުރުމެވެ. މީގެ ތެރޭގައި މަހުގެ އެކި ބާވަތްތައް ގިނަ ޢަދަދަކަށް މިމަހު ބޭނުންކުރެއެވެ. އެގޮތުން ސޮސެޖާއި މާޖިރީންއާއި ކިރުގެ ބައެއް ބާވަތްތަކާއި ދަޅުގައި ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް ހިމެނެއެވެ.

ރޯދަމަހަކީ މިންހަމަކޮށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސާ މަހަކަށް ހެދުމަކީ މަސްނިމިގެންދާއިރު ދުޅަހެޔޮކޮށް ހުރުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. އެހެންކަމުން ޑައިޓީޝަނުންގެ އިރުޝާދު އަޑުއެކުމަކީ މިމަސް ނިމޭއިރު ސިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތައް މަދުކުރުމަށް ކުރެވޭނެ މުހިއްމުކަމެކެވެ.