ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް 25000އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ. އިއްޔެ މާލޭގައިވަނީ ރިކޯޑް އަދަދަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 6316 މީހުން ޖަހާފައިވާ ކަމަށެވެ. މީގެތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ މާލެ ސަރަޙައްދުގައެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަޙައްދުގައި 5225މީހުން ޖަހާފައިވެއެވެ. އަދި އަތޮޅުތަކުގެ ސެންޓަރުތަކުން 1136މީހުންވަނީ ވެކްސިން ޖަހާފައެވެ.
އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ޖެހި މީހުންނާއެކު، ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު މިވަނީ 25369އަށް އަރާފައެވެ. އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންފެށީ މިމަހުގެ 3ވަނަ ދުވަހުއެވެ.
ވޭތުވެދިޔަ 24ގަޑިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 2207އެވެ. އެއީ މާލެއިން ވެކްސިން ޖެހި 412މީހުންނާއި އަދި އަތޮޅުތަކުން 1795މީހުންނެވެ. މިއާއިއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 273660އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.
މާލޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެމުން އަންނަނީ ސޯޝަލް ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، އާރޓް ގެލަރީ އާއި ސެނަހިޔާގައެވެ. މީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލިސް އިދާރާއިންވެސް ފުރަތަމަ ޑޯޒް ދަނީ ދެމުންނެވެ. މިރަމަޟާންމަހު ވެކްސިން ދިނުން ކުރިއަށްދާނީ ރޭގަނޑު 21.00 އިން 23.00އަށެވެ.