ޚަބަރު

ދިއްގަރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާއެކު އެތައް ތަކުލީފެއްގެ ނިމުން


ގާތްގަނޑަކަށް 10 ހެކްޓަރުގެ ކުޑަ، މ.ދިއްގަރަކީ އާބާދީ އިތުރުވެ މުޅިން ބިން ފުރިފައިވާ ރަށެކެވެ. ޒަމާނުއްސުރެ ރަށަށް ދިމާވަމުން އައި ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ބިމުގެ ޖާގަ އިތުރަށް ކުޑަވެގެން ދިޔައެވެ. ރަށުގެ ރައްޔިތުން ބުނާގޮތުން ރަށުގެ ބިމުން ސަތޭކަ ފަންސާހެއްހާ ފޫޓުގެ ސަރަޙައްދެއްވަނީ ގިރައިގެން ގޮސްފައެވެ. 1900ގެ އަހަރުތަކުން ފެށިގެންވެސް ރައްގިރުމުގެ މައްސަލައަކީ ދިއްގަރަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ރަށުގެ އިރުމަތީ ފަރާތުން އެތައް ފޫޓެއް ވަނީ ގިރާފައެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމަށް 1999ވަނަ އަހަރު 3 ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ނިންމިއެވެ. ނަމަވެސް މިކަމުގައި ޢަމަލީ ސިފަ ޖެހިގެން ގޮސްފައެއް ނުވެއެވެ. ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން ރަށުގެ ގިރަމުންދާ ބައެއް ސަރަޙައްދުތަކަށް ވެލި އެޅިއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

"އިރުވައިގެ ރައްޔިތުން ޖެހުނީ ނުނިދާ އެމީހުންގެ ގެތަކާ މުދާ ޙިމާޔަތްކުރަން ތިބެން. ގޭގެއާ ދިމާލުގައި އަމިއްލައަށް ގައު ތޮށިވެސް ލީ. ނަމަވެސް އަނެއް ދުވަސްވާއިރު ތޮށިގަނޑު އޮންނަނީ ހަލާކުވެފަ. އަނެއްކާވެސް ޖެހެނީ ތަކުރާރުކުރަން." މ.ދިއްގަރު ކައުންސިލްގެ ރައީސް އަޙުމަދު ނިޝާން ވިދާޅުވިއެވެ.

އެންމެ ބޮޑަށް ގިރާ ސަރަޙައްދުގައި ސިމެންތި ވެލި ގޯނި ބޭނުންކޮށްގެން ވަގުތީގޮތުން ލާފައިވާ ތޮށްޓަކީ ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ތޮށްޓެކެވެ. ދިއްގަރު ކައުންސިލްގެ ރައީސް އަޙުމަދު ނިޝާން ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރަށުގެ އިރުމަތިން، އުދައަރާ ސަރަޙައްދުގައި ލާފައިވާ ތޮއްޓަކީ އޭރުގެ ސަރުކާރުން ތަކެތި ދިނުމުން ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ލާފައިވާ ތޮށްޓެއްކަމަށެވެ. ނަމަވެސް އަނެއްކާވެސް ތޮށިގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ރަށުގެ ރައްޔިތުންވަނީ މި މައްސަލައަށް ދާއިމީ ޙައްލެއް ބޭނުންވެފައެވެ.
ދިޔަބޮޑުވާ ވަގުތުގައި އުދަ އަރާ ގޭގެއަށް ލޮނުގަނޑު ވަނުމާ، އަދި ރައްޔިތުންގެ މުދަލަށްވެސް އޭގެ ސަބަބުން ބޮޑެތި ގެއްލުންތައްދަނީ ކުރިމަތިވަމުންނެވެ.

"އޭރު ލާފައިވާ ތޮށްޓަކީ ރައްޔިތުންގެ އެކުވެރިކަމުގެ ނަމޫނާއެއް. 3މަހު ރަށުގައި ތިބެގެން ރައްޔިތުން ކުރި ބުރަ މަސައްކަތެއް. ސަރުކާރުން ތަކެތި ދިނީމަ، ރައްޔިތުން ހޭލާ ތިބެގެން މަސައްކަތް ކުރީ. ދަންވަރު ދިޔަ އަޑިވާ ވަގުތު މަސައްކަތް މި ކުރަމުންދިޔައީ. ހަގީގަތުގައި އުދައިގެ މައްސަލައިގެ ސަބަބުން ނުނިދާ އެތައް ރެއަކު ހޭލަން ތިބެންޖެހޭ." ކައުންސިލްގެ ރައީސް ނިޝާން ވިދާޅުވިއެވެ.

މ.ދިއްގަރަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ރަށްގިރުމުގެ މަސައްލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު މިވަނީ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ. މި ޕްރޮޖެކްޓްގައި ރަށުގެ ވަށައިގެން ބޮޑު ހިލައިގެ ތޮށްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ރަށް ވަށައިގެން އިތުރަށް ވެލި އެޅުމަށް ފަހުއެވެ. މިހާރު ރަށުގައި ދަނީ ވެލި އަޅަންޖެހޭ ސަރަޙައްދުތަކަށް ވެލި އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންވެ.

"އަޅުގަނޑުމެން ގެ ހުންނާނީ އެންމެ އަތިރީގަ. ގޭގެ ބުޑަށް ރާޅުޖަހާނީ. ގެއާ 3-4ފޫޓު ކައިރިއަށް ރާޅު ޖަހާނީ. ކޮންމެ ރެއަކު ހޭލާ ތިބެން ޖެހެނީ." ރަށުގެ ދުވަސްވީމީހެއްގެ ތަޖުރިބާ ކިޔައިދިނެވެ.

ރަށްގިރުމުގެ ސަބަބުން ރަށުތެރެއިން 150ފޫޓުގެ ސަރަޙައްދެއްވަނީ ގިރާފައެވެ. ރަށުގައި އަލަށް ފަށާފައިވާ މަޝްރޫޢުއާއެކު ރަށަށް ދިމާވެފައިވާ އުދައެރުމާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.