ޚަބަރު

ކޯވިޑް-19 : މިއަދު 88 މީހުން ޕޮޒިޓިވް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 88 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ ޢަދަދުވަނީ 25،524 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 37 މީހުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 31 މީހުންނެވެ. އަދި ރިސޯޓުތަކުން 20 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 25،524އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު 3،019 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 78 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ވޭތުވެ 24 ގަޑިއިރުގެ ތެރޭގައި 153 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 22،429 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،664 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.