ޚަބަރު

ފެލިވަރުގައިތިބި ޕޮޒިޓިވް މީހުންނާއި ކަރަންޓީން މީހުންނަށްވެސް ކައިރި ރަށްރަށަށް ވޯޓުލާން ދެވޭނެ - ޝަރީފް


ފާދިއްޕޮޅު ފެލިވަރުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންނަށްވެސް ކައިރި ރަށްރަަށަށް ވޯޓުލާން ދިއުމުގެ ހުއްދަދީފިއެވެ.

ގިނަ ޢަދަދެއްގެ ދިވެހިން މަސައްކަތްކުރާ ސިނާޢީ ރަށެއް ކަމަށްވާ ފެލިވަރުން ގިނަ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވުމުން މިއިންތިޚާބުގައި އެރަށުގައި ވޯޓު ފޮށްޓެއް ބަހައްޓާފައިނުވެއެވެ.

މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަނުގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެޗްޕީއޭއިން އެންމެ ފަހުން ނެރެފައިވާ ގައިޑްލައިނުގެ ދަށުން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ކަރަންޓީނުވެފައިވާ މީހުންނާއި ޕޮޒިޓިވްވެފައިވާ މީހުންނަށްވެސް އެރަށެއްގައި ވޯޓުލުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާކަމަށެވެ.

އަދި އެއްވެސް ސަބަބަކާހުރެ ވޯޓުފޮށްޓެއް ނުބެހެއްޓިވާ ރަށެއްވާނަމަ އެރަށުގައި ކަރަންޓީނުވެފައިވާ މީހުންނާއި ޕޮޒިޓިވް މީހުންނަށްވެސް ކައިރި ރަށްރަށަށް ވޯޓުލާން މިހާރު ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ޅ.އަތޮޅު ފެލިވަރުކަހަލަ ވަރަށްބޮޑެތި އާބާދީއެއް މަސައްކަތްކުރާ މީހުންގެ ގޮތުގައި ތިބި ރަށްރަށުގައި ފޮށި ނުބެހެއްޓިވާނަމަ ކައިރި ރަށްރަށަށް ޕޮޒިޓިވްވެފައިވާ މީހުންވެސް އަދި ކަރަންޓީން މީހުންނަށްވެސް ވޯޓުލާންދެވޭގޮތަށް އެ ހުއްދަވެސް އެޗްޕީއޭގެ ފަރާތުންވަނީ ދެއްވާފައި" ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ޚާއްސަކޮށް ޅ.އަތޮޅުގައި އޮތީ ނާޒުކުކު ހާލަތެއްކަމަށާއި، އެހެން ނަމަވެސް ވޯޓާއި ގުޅިގެން އެއްވެސް އަތޮޅަކުން މާބޮޑު ޝަކުވާއެއް އަދި ލިބިފައިނުވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެލިވަރުން މިހާތަނަށް 260 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ނައިފަރުން 258 މީހުންނާއި، ހިންނަވަރުން 4 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވޯޓުލުންފަށައިގެން ކުރިއަށްއެބަދެއެވެ.

އެއްވެސް ސަބަބަކާހުރެ ވޯޓުލާން ކަނޑައަޅާފައިވާ ވަގުތުގައި ވޯޓުލާން ނުފެށިއްޖެނަމަ ނުވަތަ މެދުކެނޑިއްޖެނަމަ ކަނޑައެޅިފައިވާ ވަގުތު ކޮންމެ ވޯޓުލާމަރުކަޒަކުންވެސް ވޯޓުލާ މީހުންނަށް ފަހިކޮށްދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.