މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ތ.ވިލިފުށީގައި ވޯޓުލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ އިލެކްޝަންގެ 18 އޮފިޝަލަކު ކަރަންޓީވާން ޖެހުމުން އެރަށުގައި ވޯޓުލާން ފަށަނީ މާލެއިން އޮފިޝަލުން އެރަށަށް ދިއުމުން ކަމުގައި އިލެކްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވިލިފުށީގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ކައިރީގައި އިލެކްޝަންގެ 20 އޮފިޝަލުން ހަރަކާތްތެރިވާކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 18 އޮފިޝަލަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ކަރަންޓީނުވާންޖެހިފައިވާކަމަށެވެ. އެހެންކަމުން މާލެއިން އެރަށަށް އޮފިޝަލުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ލޯންޗުގައި މިރޭ ފަތިހު އޮފިޝަލުން އެރަށަށް ފޮނުވުމަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ އޮފިޝަލުން އެރަށަށް ގޮސް ވޯޓުލުން ފެށޭނެކަމަށް ބެލެވެނީ މާދަމާ ހެނދުނު 9:00ގައި ކަމަށެވެ. އިލެކްޝަނުން ދަނީ މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ.
މާދަމާ ބާއްވާ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 7:00އިން ހަވީރު 5:00އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވް މީހުންނާއި ކަރަންޓިނުގައި ތިބޭ މީހުން ވޯޓުލާން ގެންނާނީ ހަވީރު 5:00އިން އިރުއޮއްސި 6:00އަށް ކަމަށެވެ. އެއާއެކު ޢާންމުން ވޯޓްލާ ނިމުމުން މަރުކަޒުގައި އޭގެ ނުރައްކާ ކުޑަވާނެގޮތަށް ވީހާވެސް މަދުބަޔަކު ތިބެގެން ވޯޓުލުން ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ޙާލަތު
ކީއްކުރާ ކަރަންޓީންއެއް ޕްރިންސިލަލް ހޯމްވޯކް ދިނީމަ ރައްޔިތުން ނެތިދިޔަސް ޖެހޭނީ ބާއްވަން. މިއީ އިންތިހާބު ބާއްވަން އެންމެ ރަނގަޅު ވަގުތުތޯ؟ ހޭބޯނާރައިގެން އިންތިހާބު ބާއްވަން މިއުޅެނީ.