ތަރައްްޤީ

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓްކުރާނަން - ރައީސް


އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ އއ. ރަސްދޫގައި ބޭއްވެވި އެމް.ޑީ.ޕީގެ 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ކޮންމެ ރައްޔިތަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ލުއިލޯނު ސްކީމެއް ތަޢާރަފުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ފައިސާގެ ދަތިކަމާހުރެ މަސައްކަތްކުރިޔަށް ނުގެންދެވި ނުވަތަ ހަލުވި މިނެއްގައި މަސައްކަތް ކުރިޔަށްނުގެންދެވި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި މަގެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަންނަ 2022 ވަނަ އަހަރު ހަމައެކަނި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ އިރާދަ ކުރެއްވިއްޔާ ބަޖެޓްކުރާނަން. އެ ބަޖެޓާއެކު، ރާއްޖޭގެ އެކި ރަށްރަށުގައި ހިޔާވަހިކަން ފަތުރާލެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތަކެކޭ އެއްފަދައިން މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވައި ލައްވާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުވެސް 5000 ހައުސިންގ ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ މި ޢަދަދު 13،000 އަށް އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ ސަރުކާރުން އެންމެ އިސްކަމެއްދޭ ސިޔާސަތުކަމުގައިވާ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ސިޔާސަތު ފުރިހަމައަށް ތަންފިޒުކުރުމަށްވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލެއް ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.