ޚަބަރު

ހައި- ސްޕީޑް ފެރީ ޚިދުމަތުގެ ފުރަތަމަ ޓަރމިނަލް ހޯރަފުށީގައި


ހައި-ސްޕީޑް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމަށް ރަށްރަށުގައި އަޅާ ފެރީ ޓަރމިނަލްގެ، ފުރަތަމަ ޓަރމިނަލްގެ މަސައްކަތް ހއ.ހޯރަފުށީގައި ފަށައިފިއެވެ. "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"ގެ ޚިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޒޯން 1ގައެވެ.

ހޯރަފުށީގައި އަޅަންފެށި ފެރީ ޓަރމިނަލަކީ، ސަރުކާރުން ފެށުމަށް ތައްޔާރުވަމުންދާ ހައި-ސްޕީޑް ފެރީ ނިޒާމު ޚިދުމަތާ ގުޅިގެން ރަށެއްގައި އަޅާ ފުރަތަމަ ފެރީ ޓަރމިނަލްއެވެ. ފެރީ ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމްއާއި ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދުއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.

ހައި-ސްޕީޑް ފެރީ ނިޒާމުގެ ޚިދުމަތް ދޭނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. ޒޯން1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެކެވެ. ޚިދުމަތް ފެށުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާ، ރަށްރަށުގައި ފެރީ ޓަރމިނަލް އެޅުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީ އާއި އެމްޓީސީސީ ގުޅިގެންވަނީ ކޮށްފައެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ ސަރުކާރުން ފަށާފައިވާ މި މަސައްކަތަކީ، އެތައް ޒަމާންތަކެއްވަންދެން ރައްޔިތުން ބޭނުންވި ނަމަވެސް ނުފެށި ހުރި މަސައްކަތްތަކެއްކަމަށެވެ. ފެރީ ޓަރމިނަލްތަކާއެކު، ރަށްރަށަށް އަރާ ފައިބާ މީހުންނަށް ބޮޑެތި ލުއިފަސޭހަތައް ލިބޭނެކަމަށް އާޒިމް ވިދާޅުވިއެވެ. ފެރީގެ ޚިދުމަތް ފެށުމުގެ ކުރިން ހޯރަފުށީ ޓަރމިނަލްގެ މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އާޒިމްވަނީ ދެއްވާފައެވެ.

"6-7މަހުން 40އަށްވުރެ ގިނަ ޓަރމިނަލްތައް އަޅުގަނޑުމެން ޚިދުމަތަށް ތައްޔާރުކުރާނަން. މިއީ 37 މިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް." އާދަމް އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދުވިދާޅުވީ ބަނދަރުގައި މަޑުކޮށްލައިގެން ތިބޭނެ އެކަށީގެންވާ ތަނެއް ނެތުމުގެ ދަތިކަން ކުރިމަތިވެފިވާކަމަށެވެ. އެއަރޕޯޓާއެކު އެހެން ރަށްރަށުން އަންނަ މީހުންނާއި ރިސޯޓްތަކުން އަންނަ ފަތުރުވެރިން ރަށަށް އަރާ މިންވަރުވެސްވަނީ އިތުރުވެފައެވެ.

"އަތްވާ ވާރޭގައިވެސް ބައެއް ހާލަތްތަކުގައި، ބަނދަރުމަތީ އެބަ ތިބެންޖެހޭ ރަށަށް އަރާ ފައިބާ މީހުން. ވަރަށް ދަތި. ނަމަވެސް ފެރީ ޓަރމިނަލާއެކު ހިޔަލުގައި އޭސީގައި ތިބެވޭނެ. އަދި ޓަމިނަލްގައި ހަދާ ޝޮޕްއިން ކާބޯތަކެތިވެސް ލިބޭނެ." މުޙައްމަދު ވަހީދު ވިދާޅުވިއެވެ.

އެމްޓީސީސީން މިހާރުވަނީ ފެރީ ނިޒާމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފެރީތައް ހަދާދޭނެ ބަޔަކު ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މި ފެރީތަކަކީ މީހުން އުފުލުމަށް ޚާއްސަކޮށްގެން ޖާގަ ތަނަވަސްވާނެހެން ފަރުމާކޮށްފައިވާ ފެރީތަކެވެ. ސަރުކާރުގެ ޢަމާޒަކީ އަހަރުގެ ފަހު ކުއާޓަރގައި ފެރީ ނިޒާމުގެ ޚިދުމަތް ޒޯން 1ގައި ފެށުމެވެ.