ޚަބަރު

މާލޭ ރައްޔިތުންނަށް ޚާއްސަ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް މެއި މަހު ހުޅުވާލަނީ


މާލެ ސަރަޙައްދުގައި މިސަރުކާރުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މެއި މަހު ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ "އެފޯޑަބަލް ހައުސިން"ގެ އަގު އުޅޭނީ މަހަކު 6،000 ރުފިޔާގައިކަމަށެވެ. އަދި މިވަރުވެސް ނުދެއްކޭ އާއިލާތަކަށް ސަރުކާރުގެ ސޯޝަލް ޕްރޮޓެކްޝަންގެ ދަށުން، ސަބްސިޑީ ދޭނެކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މެއި މަހު ކުރިމަތިލުމަށް ހުޅުވާލާ ފުރުޞަތަކީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ހުޅުވާލާ ފުރުޞަތެއްކަމަށެވެ. ހައުސިންގ މިނިސްޓްރީންވަނީ މާލެއާއި އަތޮޅުތަކުގައި ގެދޮރުވެރިކަން ބޭނުންވެފައިވާ މީހުންގެ ޢަދަދު ދެނެގަތުމަށް ސަރވޭތައް ކުރިއަށްގެންގޮސްފައެވެ. ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ ތިބިކަމަށެވެ. އަދި 5،600 އާއިލާއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވެފައިވާ އައިލާތައްކަމަށެވެ.

ކޮންމެހެން ގެދޮރުވެރިކަން ބޭނުންވެފައިވާ ޢާއިލާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަމިއްލަ ނަމުގައި 600 އަކަފޫޓުގެ ބިމެއް ނެތި ދިރިއުޅޭ އާއިލާތަކެވެ. ނުވަތަ ދާއިމީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކެވެ. މިނިސްޓަރ ވިދާޅުވީ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ ފުރަތަމަ ފުރުޞަތު ޚާއްސަކުރާނީ މިފަދަ އާއިލާތަކަށްކަމަށެވެ. މިިނިސްޓަރ ވިދާޅުވީ މޭ މަހު ކުރިމަތިލުމަށް ހުޅުވާލާ ޕްރޮޖެކްޓްގައި، މަރކްސްދިނުމުގައި ބަލާނީ 3ބަޔަކަށްކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި، އަދާކުރާ ވަޒީފާއަށް ބަލައިގެން ކެޓަގަރީތައް ކަނޑަނެއެޅުމަށްވަނީ ނިންމާފައެވެ.

"ފޯމް ހުށަހެޅޭނީ 600 އަކަފޫޓުގެ ބިންކޮޅެއް ނޯންނަ މީހުންނަށް. 15 އަހަރު މާލޭގެ ރެޖިސްޓަރގައި އޮތް މީހަކަށް ވާންވާނެ. ދެން ބަލާނީ އާއިލާގެ ކުޑަބޮޑުމިނަށް، މިހާރު ދިރިއުޅޭ ގޮތުގެ ޙާލަތަށް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިފަދަ ޢާއިލާތައް ހިމެނެނީ ކައުންސިލް ހައުސިންގ ކެޓަގަރީއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ފުރަތަމަ އަޅާ 3000ޔުނިޓް ދޫކުރާނީ ކައުންސިލް ހައުސިންގ ބޭނުންވާ އާއިލާތަކަށްކަމަށެވެ.

ތިން ބަޔަކަށް ބަހާލާފައިވާ ފޯމުގައި މާކްސް ދޭނީ 100މާކްސްއާ ހަމައަށެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މިބުރުގައި ބޯހިޔާވަހިކަން ދިނުމުގައި އެންމެ އިސްކަމެއް ދޭނީ %75 އިން މަތިން މަރކްސް ލިބޭ އާއިލާތަކަށްކަމަށެވެ. އަދި އެއަށްވުރެ ދަށުން މާކްސް ލިބޭ އާއިލާތަކުގެ މެދުގައި، ހައުސިންގ ޔުނިޓް ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެންކަމަށެވެ.

"އެފޯޑަބަލް ހައުސިންގ ކެޓަގަރީއެއް މިއީ. އަގު އުޅޭނީ 6000 ރުފިޔާގައި. އެވަރުވެސް ނުދެއްކޭ އާއިލާތައް އެބަތިބި. އެ އާއިލާތަކަށް ބޯހިޔާވަހިކަން ދޭނީ ސަރުކާރުގެ ސޯޝަލް ޕްރޮޓެކްޝަންގެ ދަށުން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު 1344ހައުސިންގ ޕްރޮޖެކްޓަކާ، 1000ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓެއްގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ. މި މަސައްކަތްތައް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު މީހުންނަށް ގެތަކަށް ވަދެވޭވަރަށް މަސައްކަތް ނިންމާނެކަމަށެވެ.

ސަރުކާރުންވަނީ މާލެ ސަރަޙައްދަށް ޚާއްސަކޮށްގެން 15000އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައެވެ.