ޚަބަރު

އައު އުސޫލާއެކު ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުވާނެ: އަމީރު


އަލަށް އެކުލަވާލެވުނު ޕްރޮކިއުމަންޓް ގައިޑްލައިނާއި ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާނެ މިންގަނޑާއެކު ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނާއި ވަޒީފާއާއި ބެހޭ ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަރުކާރު ކުންފުނިތައް ހިނގަމުން އަންނަ އުސޫލުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމުގެ ފުރުޞަތު އޮންނަކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުންފުނިތައް އިތުރުކުރުން ނޫންކަމަށާއި، އޭގެ ބަދަލުގައި އުފެއްދުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އުސޫލަކުން ހަރުދަނާ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ޖާގަ ދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އުފެއްދުންތެރިކަމެއް ނެތް އަދި ދައުލަތަށް ގެއްލުންވަމުން އަންނަ ކޮރަޕްޝަނަށް މަގުފަހިވާ ކުންފުނިތައް އުވާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިހާރުވެސް 17 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް އެކުލަވާލެވުނު ޕްރޮކިއުމަންޓްގެ ގައިޑްލައިންގެ ސަބަބުން ސަރުކާރުގެ ހުރިހާ ކުންފުނިތަކުންވެސް އެންމެ ކުޑަމިންވަރަށް ޢަމަލުކުރަންޖެހޭ ޕްރޮކިއުމަންޓް އުސޫލުތައް ގައިމުކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ދޮރުތައް ބަންދުވެގެންދާނެކަމަށެވެ.

"ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުން. ދެފުށް ފެންނަ ޕްރޮކިއުމަންޓްގެ ނިޒާމެއް އެކުލަވާލާ ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް އުސޫލުތައް ޤާއިމުކުރުން. މިކަންކަން ތަންފީޒުވެގެން އަންނައިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އިންގިލާބީ ބަދަލެއް އަންނާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނާއި ވަޒީފާއާއި ބެހޭ ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ މީގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރެވި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވިގެން ދާނެކަމަށެވެ. މީގެ އިތުރުން މިއީ އިސްރާފާއި ފަސާދަ ކުޑަކުރުމަށްވެސް އެޅޭ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

"ސަރުކާރުގެ ކުންފުނިތަކުގެ ދެމެދުގައިވާ ތަފާތުތަކާއެކުވެސް ވަކި ޚާއްސަ ޙާލަތްތަކެއްގައި ޕްރޮކިއުމަންޓްއަށް ގެންނަ ބަދަލުތައް ކަމާބެހޭ ހުރިހާ ފަރާތަކުންވެސް ސަމާލުވާނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ. ހަމަ ޔަގީނުންވެސް މިފަދަ ބަދަލުތަކާއިއެކު އަންނަ ޕްރޮކިއުމަންޓް ރިޕޯޓުތަކަށް އޮޑިޓަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ފާރަވެރިވާނަން." އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޝްރޫޢޫތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އާ އުސޫލެވެ. ސަރުކާރުގެ ކޮންމެ ކުންފުންޏަކީވެސް ތަފާތު ކަންކަމަށް ޚާއްސަ ކުންފުނިތަކަކަށް ވީނަމަވެސް ވަކި ގިންތިތަކެއްގެ ތެރެއިން ޚަރަދުތައް ކުރުމުގައި ބަލާނެ އެއް މިންގަނޑެއް މިއުސޫލުގެ ތެރެއިން ވަނީ ޤާއިމުކޮށްފައެވެ. އަދި ކުއްލި ޙާލަތްތަކުގައި ޚަރަދުކުރުމުގައި ބަލާނެ ވަކި މިންގަޑެއް ވަނީ އެކުލަވާލާފައެވެ.

ވަޒީފާއާއި ބެހޭ ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކްގެ ސަބަބުން ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާނެ އުސޫލެއް ސަރުކާރުގެ ހުރިހާ ކުންފުންޏަކަށް އެއްހަމައެއްގައި ވަނީ ޤާއިމުކޮށްފައެވެ. މިއާއެކު ސަރުކާރުގެ ހިންގުމުގެ ތެރޭގައި ދިމާވާ މައްސަލަތައް މަދުކޮށް، އިންސާފުވެރިކަމާއެކު މުވައްޒަފުންގެ ކަންކަން ބައްޓަންކުރެވޭނެކަމަށް ސަރުކާރުން ދެކެއެވެ.