ކުޅިވަރު

ބ.ދަރަވަންދޫގައި އިޖްތިމާއީ މަރުކަޒެއް ހުޅުވައިފި


ބ.ދަރަވަންދޫ ކައުންސިލުން އިސްނަގައިގެން އެރަށުގައި ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭގޮތަށް ހާއްސަކޮށްގެން އިޖްތިމާއީ މަރުކަޒެއް ހުޅުވައިފިއެވެ.

އެރަށު ކައުންސިލުން ހެދި މި މަރުކަޒުގައި ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ގާލެންޑޯ އާ ބިލިއާޑް، ކެރަމްގެ އިތުރުން ޓޭބަލްޓެނިހާއި، ރާޒުވާކުޅެވޭގޮތަށް މިމަރުކަޒުގައި ހުރޭ.
އަދި ސްކްރީންގައި މެޗުބެލުމުގެ އިންތިޒާމުވެސް މިތަނުގައި ހަމަޖައްސާފައިވެއެވެ.

މި މަރުކަޒު ހުޅުއްވައިދެއްވީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙް އެވެ. މި މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާޙް ވިދާޅުވީ، ޒުވާނުންގެ ކުރިމަގަށާ، އެޒުވާނުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްފައިނުވާވަރުގެ މަސައްކަތްތަކެއްކަމަށެވެ. އެހެން ސަރުކާރު ތަކުން އަބަދުވެސް ބަލަނީ ޒުވާނުން ބާކީ ކުރަމުންކަމަށާ، މިސަރުކާރުން އެއްވެސް ޒުވާނަކު ބާކީނުކުރާނެކަމަށް ހަސަން ޝާޙް ވިދާޅުވިއެވެ.

މިމަރުކަޒަކީ އެރަށު ކައުންސިލާ މިނިސްޓްރީއޮފް ޔޫތް ސްޕޯޓް އާ ސަރުކާރުގެ އެހީއާއެކު ހަދާފައިވާ މަޒުކަޒެކެވެ.
ދަރަވަންދޫ ޒުވާނުންނާ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުނަށް ހާއްސަކޮށްގެން މިދިޔަ އަހަރުވަނީ ފުޓްސަލް ދަނޑެއް ވެސް އަޅާފައެވެ. މި ދަނޑުގެ އިތުރުން އެރަށު ކައުންސިލާ ސަރުކާރު ގުޅިގެން އިތުރު ފުޓްސަލް ދަނޑެއް ތަރައްޤީކޮށް މިދިޔަ އަހަރުވަނީ ހުޅުވާފައެވެ. މިހާރު އެރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.