ޚަބަރު

"މީމު މަސް ބަނދަރު" ތަރައްޤީކުރުމާއި މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި


"މީމު މަސް ބަނދަރު" ތަރައްޤީކުރުމުގެ މަސައްކަތާއި މ.މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި މުލަކުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

"މީމު މަސް ބަނދަރު" ތަރައްޤީކުރުމުގެ މަސައްކަތާއި މ.މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ރާއްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރެވެ.

މި މަޝްރޫޢުގެތެރެއިން މީމު މަސް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެބްރުއަރީމަހުގެ 11ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެދަށުން މިކަމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ފުންކުރުން ހިމެނެއެވެ. މީމު މަސް ބަނދަރަކީ 160މީޓަރުގެ ބަނދަރެކެވެ. މީގެއިތުރަށް 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 3،200އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މ.މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މާޗް 29ވަނަ ދުވަހުއެވެ. މިމަސައްކަތުގައި 411.90 މީޓަރުގެ ސަރަޙައްދުގައި ޖިއޯ ބޭގް(ޖަމްބޯ ވެލިބަސްތާ)ގެ ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ ޙަވާލުކުރާ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ކުންފުންޏެއްކަމަށެވެ. އަދި ކޮންމެ މަޝްރޫޢެއްގައި ހިމަނައި ނިންމާ ކަންކަމަކީ ގިނަ ދުވަހަށް ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ، ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ޔަގީންކުރާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މުލަކުގައި ފެށި މަޝްރޫޢުތައްވެސް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް 45ދުވަހުން ނިންމާނަން. އަދި މީމު މަސް ބަނދަރުގެ މަސައްކަތް މޭ 2022އަށް ނިންމާނަން." އާޒިމް ވިދާޅުވިއެވެ.

މުލަކު ކައުންސިލްގެ ރައީސް އިބްރާހީމް ނަޞީރު ވިދާޅުވީ ރަށް ގިރުމުގެ މައްސަލައަކީ މުލަކަށް ބޮޑު މައްސަލައަކަށް ވެފައިވާކަމަށެވެ. އަދި ބިމުން ބޮޑު ބައެއް ގިރާފައިވާކަމަށެވެ. މީގެއިތުރަށް، މަސައްކަތް ފެށި މީމު މަސް ބަނދަރާއެކު މުޅި އަތޮޅުގެ މަސްވެރިކަމަށް ކުރިއެރުން ލިބި، އާމަދަނީ އެތަށް ގޮތަކުން އިތުރުވާނެކަމަށް ވިދާޅުވިއެވެ.

"އަތޮޅުގައި މަސްބަނދަރެއް އޮތުމުގެ ސަބަބުން މަސްދޯނިތަކުން ކުރާ ހޭދަ ކުޑާވާނެ. މިއާއެކު އާމްދަނީ އިތުރުވެ އާ ވަޒީފާތައްވެސް އުފެދޭނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީމު މަސް ބަނދަރަކީ ސަރުކާރުން 56.13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއަށް 17.66މިލިއަން ރުފިޔާ ހޭދަވާނެއެވެ.