ދީން

ޛިކުރާ މިސްކިތްހުރި ބިމުގައި ވަގުތީ މިސްކިތް ހަދަނީ އުޞޫލާ އެއްގޮތަށް - އިސްލާމިކް މިނިސްޓްރީ


ޛިކުރާ މިސްކިތްހުރި ބިން ސާފުކޮށް، އެތަނުގައި ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެފައިވަނީ ޒިކުރާ މިސްކިތްހުރި ބިން ސާފުކުރުމުގެ ތެރެއިން މިނިކަށިތަކެއް ފެނުމުންވެސް، އިސްލާމީ އުޞޫލުތަކާ ޚިލާފަށް އެތަނުގައި ވަގުތީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެބިމުން މިނިކަށިތަކެއް ފެނިފައިވާކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެތަން ސާފުކޮށް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މަސްޖިދުއްޛިކްރާ ނުވަތަ ޒިކުރާ މިސްކިތް ތަޅާލާ، އެ ބިން ސާފުކުރުމުގެ މަސަައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި ކުރިއަށްއޮތް ރަމަޟާންމަހަށް އެތަނުގައި ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މަޖީދީމަގު، ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ އިޢުލާންވެސް ކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެފައިވަނީ ވަގުތީ މިސްކިތެއް ހަދައިދޭނެ ބަޔަކު ނުވެއްޖެނަމަ، ސަރުކާރުގެ އަމާޒަކީ އޮންނަ އުޞޫލްގެ ދަށުން ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކާ ޙާވާލުކޮށްގެން މިސްކިތް ހެދުންކަމަށެވެ.

ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމާފައިވާއިރު 1،100 އަށްވުރެ ގިނަ މީހުންގެ ސޮއާއެކު މިދިޔަމަހުގެ ތެރޭގައި އިސްލާމިކު މިނިސްޓްރީއަށް ޕެޓިޝަނެއް ވަނީ ހުށައަޅާފައެވެ. އަމިއްލަ ފަރާތަކުން މިނިސްޓްރީއަށް މި މިޕެޓިޝަން ހުށަހަޅާފައިވަނީ އެ މިސްކިތް ތަޅާލާފައިވުމުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅެމުންދާ އެތައް ރައްޔިތުންނެއް އެކަމުގެ ދަތިކަން ތަހައްމަލު ކުރަމުންދާތީއެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. މިސްކިތް އެޅުމަށްކަމަށް ބުނެ 2018ވަނަ އަހަރު ވަނީ ކޮންޓްރެކްޓެއްވެސް ހަދާފައެވެ. ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައިނުވާއިރު، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާވެސް ވަނީ ދީފައެވެ.

އަހައްމަދު ބޭ

މިވަގުތީ މިސްކިތް ރަމަޞާން މަހަށްފަހުވެސް ދިވެހިން ބޭނުންކުރާނެކަމަށް އުއްމީދުކުރަން. ޖަމާއަތުގ ނަމާދަށް 1 ސަފު ވުރެ ގިނަވާޏެކަމަސް އުއްމީދުކުރަން.