ޚަބަރު

މާލޭގެ އިތުރު 3 ސަރަޙައްދުގެ މަގު ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފި


މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ ދަށުން އިތުރު ތިން ސަރަޙައްދެއްގައި މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ ހެންވޭރު އުތުރު ސަރަޙައްދުގެ ބައެއް މަގުތަކާއި، މައްޗަންގޮޅި ދެކުނާއި މައްޗަންގޮޅި މެދު ސަރަޙައްދުގެ ބައެއް މަގުތަކެވެ.

މިކަމުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ޞިފާ މުޙައްމަދުއެވެ. ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ.

މި މަސައްކަތަކީ މާލެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. އެގޮތުން 3ސަރަޙައްދުގައި މަސައްކަތް ފެށުމަށްވަނީ ހަވާލުކޮށްފައެވެ. އެއީ ހެންވޭރު އުތުރު ސަރަޙައްދުގެ ބައެއް މަގުތަކާއި، މައްޗަންގޮޅި ދެކުނާއި މައްޗަންގޮޅި މެދު ސަރަޙައްދުގެ ބައެއް މަގުތަކެވެ.

މި އެއްބަސްވުމުގެ ދަށުން ހެންވޭރު އުތުރުގެ 13 މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ. މި މަގުތަކުން ޖުމްލަ 1.97 ކިލޯމީޓަރު ހަދާނެއެވެ.

މައްޗަން ގޮޅި މެދު ސަރަޙައްދުން ހަދަން ހަމަޖެހިފައިވަނީ 6 މަގެކެވެ. އެއީ ނިކަގަސްމަގު، ކުރިކީލަ މަގު، ޗާންދަނީ މަގު، ކުދިރަތްމާ ގޯޅި، ދިލްބަހާރު ގޯޅި އަދި ޖަވާހިރު ގޯޅިއެވެ. އެއީ 0.48 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދެވެ.

މައްޗަންގޮޅި ދެކުނުން ހަދަން ހަމަޖެހިފައިވަނީ 5 މަގެކެވެ. އެއީ ބަޑިފަސްގަނޑު މަގު، އާމިނާރަނި ހިނގުން، ބުރުޒު މަގު، ކުރިކީލަ މަގު، އަދި ޗާންދަނީ މަގެވެ. މި މަގުތަކުން ޖުމްލަ 1.00 ކިލޯމީޓަރުގެ މަގު ހަދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މަގުތައް ހެދުމުގައި ފުރަތަމަ އިސްކަމެއް ދީފައިވަނީ އެންމެ ގިނަ މީހުން ބޭނުންކުރާ، އަދި ބޮޑަށް ހަލާކުވެފައި ހުރި މަގުތަކަށެވެ.

"މީގެތެރޭގައި ސްކޫލްތައް ގިނަ ސަރަޙައްދުތައް އެބަ ހިމެނޭ. މަގުތައް ހުރިގޮތުން ކާރުބާރުބޮޑުވޭ. ދެން ހެންވޭރުން ކާނިވާ ހިމެނޭ ސަރަޙައްދުގެ ކުދި ގޯޅިތައް މުހިންމުވަނީ، ކާނިވާ ތަރައްޤީކުރުމުގެ ޕްލޭނާއެކު އެ ސަރަޙައްދު ބޭނުންކުރާ މިންވަރު އިތުރުވާނެތީ." ޞިފާ މުޙައްމަދު ވިދާޅުވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ، ކުންފުނިން އޮތީ އިތުރު މަގުތަކުގައި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރަށްކަމަށެވެ. އެގޮތުން ނަގަންޖެހޭ ހުއްދަތައް ލިބުމާއެކު، ހަފްތާއެއްހާ ދުވަސްތެރޭގައި މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ނިމުނު މަގުތަކުގެ ތަޖުރިބާއިން އެބަ އިނގޭ މަގުތަކުން ތަފާތު ފެންނަކަން. މި ހަވާލުކުރި މަގުތަކުގެ މަސައްކަތްވެސް މި ކޮލިޓީގައި ގެންދާނަން. އެންމެ ބޮޑު ދަތިކަމަކީ މަގުތަކުގެ އަޑީގައި ގޮތްނޭންގޭ ގޮތަށް އަޅާފައިވާ ކޭބަލްތަކާ ހޮޅިތައް." މޫސާ އަލި މަނިކު ވިދާޅުވިއެވެ

މި މަސައްކަތުގެދަށުން މައްޗަންގޯޅި މެދު އަދި ދެކުނު ދާއިރާގެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ 125 ދުވަހުގެ ތެރޭގައެވެ. ހެންވޭރު އުތުރު ސަރަހައްދުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 217 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތުގެ އަގަކީ 70.1މިލިއަން ރުފިޔާއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. މަސައްކަތް ފުރަތަމަ ފެށީ މާފަންނު ހުޅަނގުގައެވެ. މީގެތެރެއިން ބައެއް މަގުތަކުގެ މަސައްކަތް ނިންމައި މިހާރުވަނީ ބޭނުންކުރަންވެސް ހުޅުވާލާފައެވެ.