ޚަބަރު

ރޯދަމަހާ ދިމާކޮށް އިންޑިއާއިން 3200 ޓަނުގެ މުދާ އައްޑޫއަށް


މިއަހަރުގެ ރޯދަމަހާ ދިމާކޮށް އިންޑިއާއިން 3200 ޓަނުގެ މުދާ އައްޑޫގެ ވިޔަފާރިތަކުން ގެނެސްފައިވާ ކަމަށް ހިތަދޫ ޕޯޓު ލިމިޓެޑުން ހާމަކޮށްފިއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑުން ބުނީ 3289.7 ޓަނުގެ މުދާ މިދިޔަ ހުކުރު ދުވަހު އައްޑޫއަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އައްޑޫއަށް ރޯދަމަހާއި ދިމާކޮށް ގެންދިޔ މުދަލުގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނާއި ބޭސް ހިމެނެއެވެ. މީގެ ތެރޭގައި ފިނި ކުރި މުދަލުގެ ގޮތުގައި 6537 ކިލޯގެ މުދާ ގެނެސްފައިވެއެވެ.

ރޯދަމަހާ ދިމާކޮށް ގެނައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ބިސް، ފިޔާ، އަލުވި، ކެބެޖް، ޓޮމާޓޯ، ކަރާ އަދި ދޮންކެޔޮވެސް ހިމެނެއެވެ. މިގެނައި މުދާ މިހާރު ބައެއް ވިޔަފާރިތަކުން ވިއްކަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫއަށް އިންޑިއާއިން މުދާ ގެންނަ ވިޔަފާރިވެރިން ބުނީ، އިންޑިއާއިން މުދާ ގެންނަން ފެށިފަހުން މުދަލުގެ އަގު ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށެވެ. އަދި މިއަހަރު ރޯދަމަހުވެސް މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އާއި ދެމެދު ކޮންމެ 20 ދުވަހަކުން ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. ސްޓޭޓް ޝިޕިިންގެ މިދަތުރުތައް ފަށައި ގަނޑުކުރި މުދަލުގެ އިތުރުން ލައިވް ކާގޯ ގެނެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.