ބޮޑުތަކުރުފާނުމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތުގެ ތެރެއިން، ޕަމްޕު ވަޅުތައް ބެހެއްޓުމާއި ޕަންޕުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މި މަސައްކަތް މިމަހުގެ 15އަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެމްޓީސީސީން ވިދާޅުވީ، ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްޤީ ކުރި ސަރަޙައްދު ޑިޒައިން ކޮށްފައިވަނީ ސްޓޯމްވޯޓަރ ޑްރެއިނޭޖު ސިސްޓަމް ހިމެނޭ ގޮތަށް ކަމަށެވެ.
އަދި އެ މަސައްކަތް ނުނިމެނީސް މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމާއެކު އާންމުންނަށް ހުޅުވާލީ މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ދިނުމަށް ކަމަށެވެ.
އެމްޓީސީސީން ވިދާޅުވީ، ސްޓޯމްވޯޓަރ ޕަމްޕު ވަޅުތަކުގެ މަސައްކަތާއި، ޕަންޕުތައް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ބޮޑުތަކުރުފާނުމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި ފުރިހަމަ ނުކުރެވި އޮތްކަން މީގެކުރިންވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަން މިމަހުގެ 15ގެ ކުރިން ބަހައްޓައި ޓެސްޓުކޮށް އަދި ކޮމިޝަން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އަދި މި މުއްދަތުގެ ތެރޭގައި މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނުމަގުގައި ފެން ބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
1990ގެ އަހަރުތަކުގެ ތެރޭގައި މާލޭގެ މަގުތައް ހެދިފަހުން، އޭގެފަހުން އައި އެއްވެސް ސަރުކާރަކުން މަގުތައް އިތުރަށް ތަރައްޤީ ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއްނުވެއެވެ.
އެހެންކަމުން ވިއްސާރަވެ މަގުތަކުގައި ފެންބޮޑުވެ، ކާނުތައް ހަލާކުވެ، މަގު ބޭނުންކުރާ ފަރާތްތަކަށް އަންނަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންނެވެ.
މިކަމަށް ހައްލެއް ގެނައުމަށް މިސަރުކާރުން ދަނީ، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ، މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅައި، ޒަމާނީ ފެން ހިންދާ ނިޒާމަކާއެކު މަގު ތަރައްޤީކޮށްފައެވެ.
އަދި ނޯތު ހާބަރުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، އަމީނީ މަގާއި އަދިވެސް މާލޭގެ އިތުރު މަގުތައް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.