ޚަބަރު

ބްރިޖުގެ ބިޑިންގ ޕްރޮސެސްެއަށް ރާއްޖޭގެ ޓީމެއް ޗައިނާއަށް


ހުޅުލެއާއި މާލެ ގުޅުވާލުމަށް އަޅާ ބްރިޖްގެ މަސައްކަތަށް ހުށަހަޅާފައިވާ ބިޑްތައް ދިރާސާކޮށް ކޮންޓްރެކްޓަރެއް ހޮވުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށް ހައުސިންގ މިނިސްޓްރީގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ. އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުއްތޮލިބާއި އަބްދުﷲ ޒިޔާދުގެ އިތުރުން ބްރިޖްގެ މަސައްކަތުގައި މިނިސްޓްރީން ހަރަކާތްތެރިވާ ބައެއް މުއައްޒަފުން މިދަތުރުގައި ޗައިނާއަށް ފުރިއެވެ. މި ދަތުރާއި ގުޅޭގޮތުން ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުއްތޮލިބު ވިދާޅުވީ، ރާއްޖޭގެ ވަފްދެއް ޗައިނާއަށް ޒިޔާރަތް ކުރަނީ، ބްރިޖްގެ ބިޑިންގ ޕްރޮސެސް ނިމިގެންދާއިރު ރާއްޖޭގެ ބައިވެރިވުން ޗައިނާއިން ބޭނުންވާތީ ޗައިނާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. ބްރިޖްގެ މަސައްކަތްތައް ދެޤައުމުންވެސް ކުރިއަށްގެންދަނީ ބޮޑު އިސްކަމެއް ދީގެންކަން މުއްތޮލިބު ފާހަގަ ކުރެއްވިއެވެ.  ޗައިނާއަށް ޒިޔާރަތްކުރި ރާއްޖެގެ ވަފުދު އެނބުރި އަންނާނީ ބްރިޖްގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރ ޔަޤީން ވުމަށްފަހުއެވެ. އެގޮތުން މިމަހުގެ 10 ވަނަދުވަހު ބިޑް ހުޅުވުމާއި ބިޑް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުގަޔާއި، 14 ވަނަދުވަހު މަސައްކަތުގެ ކޮންޓްރެކްޓަރ ހޮވާއިރު މިޓީމް ޗައިނާގައި ހަރަކާތްތެރިވާނެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރު ނިމުމުގެކުރިން ފެށުމަށް ދެޤައުމުންވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.