ސިޔާސީ

ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާގުޅޭގޮތުން، ވެބިނަރއެއް ފަށައިފި


ރާއްޖޭގައި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމާއި މުޖުތަމަޢުގެ އަމާންކަމާއި ބަދަހިކަން ބިނާކުރުމާ ބެހޭގޮތުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ޚާއްސަ ވެބިނަރއެއް ފަށައިފިއެވެ.

މި ވެބިނަރ ކުރިއަށްގެންދަނީ "ބަދަހި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު" މި ޝިއާރުގެ ދަށުންނެވެ.

ނޭޝެނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވީ، މި ވެބިނަރގެ މަޤްޞަދަކީ ދީނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އަލީގައި ބަދަހި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ފުޅާކޮށް، ހަރުކަށިފިކުރުގެ ނުރައްކަލުން ފަރުދުން ދުރުކުރެވޭނެ ގޮތްތައް ދެނެގަތުންކަމަށެވެ. އަދި ކްރިޓިކަލް ތިންކިންގގެ ހުނަރު އިތުރުކޮށް، ޑިޖިޓަލް މީޑިއާއަށް އަހުލުވެރިކުރުވުމާއި، ތަހައްމަލުކުރުމުގެ އާދަ އަށަގެންނެވުމާއި، އަނެކުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށް ފަރުދުންގެ ޙައްޤުތަކަށް އިޙްތިރާމްކުރުގެ ޘަޤާފަތެއް އަށަގެންނެވުންކަމަށެވެ.

މި ވެބިނަރ ފަށްޓަވައިދެއްވުމުގެގޮތުން ވާހަކަފުޅު ދެއްކެވީ އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ޑައިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ އެއްދީނަކަށް ނިސްބަތްވާ އެއްނަސްލެއްގެ ބަޔަކު އުޅޭ ޤައުމެއްގައި ދީނީ ޚިލާފުވުންތައް އުފައްދާ ހަރުކަށިފިކުރާއިގުޅިގެން މުޖުތަމަޢު ބައިބައިވެ ހަލާކުވުމުން ސަލާމަތްކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.


މި ވެބިނަރ އަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި އިންޑިޔާގެ މަނިހާރު ޕައްރިކާރު އިންސްޓިޓިއުޓް ފޮރ ޑިފެންސް އެންޑް ސެކިއުރިޓީ އެނެލިސިސް ގުޅިގެން ދީނީ ޢިލްމުވެރިންނަށް ހިންގާ ޕްރޮގްރާމެކެވެ.

މި ވެބިނަރގެ ސެޝަންތައް ނަންގަވައިދެއްވާނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާއާއި ފަޟީލަތުއްޝައިޚް އަލްއުސްތާޛު އިބްރާހީމް އަޙުމަދާއި އިޑްސާގެ ކޯރޑިނޭޓަރ ފޮރ ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޑރ.ޢާދިލް ރަޝީދާއި އިސްލާމިކް ޔުނިވަރސިޓީގެ ކޮންސަލްޓަންޓް ޑރ.ޢަބްދުލްޙައްޤު ބޭކަރއެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވެބިނާގެ އެން.ސީ.ޓީ.ސީގެ ޑިޖިޓަލް ޕާރޓްނަރއަކީ އޫރިދޫ މޯލްޑިވްސްއެވެ. މި ވެބިނަރގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން 60 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން އެން.ސީ.ޓީ.ސީގެ ފަރާތުން ދެ، މަސައްކަތު ބައްދަލުވުމެއް 2019ވަނަ އަހަރުވެސް ހިންގާފައެވެ.