ވިޔަފާރި

އެމްޑަބްލިއުއެސްސީގެ ދުވާފަރު އައިސްޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮށްފި


އެމް.ޑަބްލިޔު.އެސް.ސީއިން ރ.ދުވާފަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ގެނައި މިބަދަލާއިއެކު އައިސްޓަނަކުން 225 ރުފިޔާވަނީ ހެޔޮކޮށްފައެވެ. އެމްޑަބްލިއުއެސްސީން ޖީ.އެސް.ޓީ އާއެކު، މިހާރު އައިސް ޓަނެއް ވިއްކަނީ 1050 ރުފިޔާއަށެވެ. ކުރިން އައިސް ޓަނެއް، ޖީ.އެސް.ޓީ އާއެކު، ވިއްކަމުން އައީ 1275 ރުފިޔާއަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން އައިސް ވިއްކާ އަގު ހެޔޮކުރީ މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީއިން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު ދުވާފަރު ކަސްޓަމަރ ސާރވިސް މެދުވެރިކޮށް އައިސް އަށް އޯޑަރ ކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ ހޮޓްލައިން ނަމްބަރ 7999151 އަށް ގުޅައްވައިގެންވެސް އައިސް އަށް އޯޑަރުކުރެވޭނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ރ.ދުވާފަރުގައި އައިސް ޕްލާންޓް ގާއިމްކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. މިއީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ޚިދުމަތަކަށް ވުމާއި އެކު، އެމް.ޑަބްލިޔު.އެސް.ސީ އިން މި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ޚިދުމަތެއްގެ ގޮތުގައި ދެކިގެންކަމަށް އެ ކުންފުނިން ބުނެއެވެ.