ޚަބަރު

ފޯކައިދޫ ސްކޫލްގެ 12 ކުލާސްރޫމާއި އެކުވެނި ހޯލުގެ ޢިމާރާތުގެ މަސައްކަތް ފަށައިފި


ށ.ފޯކައިދޫ ސްކޫލްގެ 12 ކުލާސްރޫމާއި އެކުވެނި ހޯލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފޯކައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށްދިނުމަށް ޓަކައި މިއަހަރުގެ ޖެނުއަރީ މަހުގެ 24ވަނަ ދުވަހު ސަރުކާރުންވަނީ އެސްކޫލްގައި 12 ކުލާސްރޫމާއި އެކުވެނި ހޯލު، ޢިމާރާތެއް އެޅުމަށް "ޑުފްލެކްސް ޕްރައިވެޓް ލިމިޓް"އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަސައްކަތް ޢަމަލީގޮތުން މިއަދުވަނީ ފަށާފައެވެ.

މިއީ ފޯކައިދޫގެ ތައުލީމީ ޙަޔާތުގައި އައު ޞަފުޙާއެއްކަމަށް އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. އަދި މިއަދު ހަޤީޤަތަކަށް މިވީ ރައްޔިތުންގެ އެތަށް ދުވަހެއްގެ އުއްމީދު ކަމަވެސް އޭނާވަނީ ވިދާޅުވެފައެވެ.

ފޯކައިދޫ ސްކޫލްގައި މިއަދު ފެށި މި މަސައްކަތަކީ 17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް "ޑުފްލެކްސް ޕްރައިވެޓް ލިމިޓެޑާ" ހަވާލުކޮށްފައިވަނީ 210 ދުވަސް ތެރޭގައި ނިންމުމަށެވެ.