ޚަބަރު

އައްޑޫސިޓީ ހިތަދޫ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި


އައްޑޫ ސިޓީ ހިތަދޫ ކުރީގެ ބަނދަރު ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލްގެ ދަށުންނެވެ.
ޖުމުލަ 52،433،444.84 (ފަންސާސް ދެ މިލިޔަން ހަތަރު ލައްލަ ސާޅީސް ހަތަރު ރުފިޔާ އަށްޑިހަ ހަތަރު ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ މަސައްކަތް 2 އަހަރުދުވަހުގެ ތެރޭ ނިންމައި ޙަވާލުކުރަން ޖެހެއެވެ.

މި މަޝްރޫއުގެ ދަށުން 800 މީޓަރ ސޭންޑް ބްރޭކްވޯޓަރ އާއި 284 މީޓަރުގެ އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 57 މޫރިން ރިންގްސާއި 14 ބަނދަރު ބައްތިއާއި 1،420 ސްކެއަރ މިޓަރުގެ ޕޭވްމަންޓެއް ހެދުމަށް ނިންމާފައިވެއެވެ. ޕޭވްމަންޓްގައި ޑްރެއިން ޤާއިމް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 2 ނެރުބައްތިއާއި މެދުދިޔައިގައި 3.5 މީޓަރު ހުންނަވަރަށް ބަނދަރުގެ ފަޅު ފުންކުރުމާއި 4.0 މީޓަރު ހުންނަވަރަށް ނެރު ފުންކުރަން ޖެހެއެވެ. ހިތަދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ ވަރަށް ދުވަސްވީ ބަނދަރެކެވެ.