ޚަބަރު

ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އިރާނުގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅު


އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް ބޭނުންވާ ވަރަށް އީރާނުގައި ބޭރު ފައިސާގެ ރިޒާވް އެބަހުރި ކަމަށް އެޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަބްދުލް ނާޞިރު ހިއްމަތީ ވިދާޅުވެއްޖެއެވެ.

ހިއްމަތީ މިހެން ވިދާޅުވީ، އިޤްތިޞާދީ އީރާނު ހީނަރުވަމުންދާތީ، ގަދަދައްކަން އުޅެނީ ކަމަށް ބުނެ އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އީރާނުގެ "ތަސްނީމް" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަހަކަށް އައިސް ބޭރު ފައިސާގެ ބާޒާރަށް އައިސްފައިވާ ލޮޅުންތައް ހަމައަކަށް އެޅުވުމަށްޓަކައި، ބާޒާރަށް 2 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ދޫކުރުމަށް މަރުކަޒީ ބޭންކުން އޮތީ ތައްޔާރަށެވެ.

"އަޅުގަނޑު އެމެރިކާގެ ރައީސަށް ދަންނަވާލަން ބޭނުންވަނީ، އީރާނުގައި ބޭރު ފައިސާ އެބަހުރި، އަދި ފުދޭވަރަށް އެބަހުރި،" ބެސެންޓަށް ރައްދު ދެއްވަމުން ހިއްމަތީ ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްޢޫދު ޕިޒީޝްކިޔަން ހިމެނިވަޑައިގަންނަވާ ގޮތަށް، އެޤައުމުގެ އިސް ވެރިން ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ މަގުން އަޅާފައިވާ ޙިޞާރުގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން ގަވަރުނަރުގެ މި ވާހަކަފުޅަކީ ބާޒާރުގެ ހަމަޖެހުން ޤާއިމުކުރުމުގެ މަޤްޞަދުގައި ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވެއެވެ.

ހިއްމަތީ އިތުރަށް ވިދާޅުވީ، މަރުކަޒީ ބޭންކުން ބޭރު ފައިސާއިން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެތެރޭގެ ރިޒާވްގެ އިތުރުން އެހެނިހެން ވަޞީލަތްތައް ވެސް އެބަހުރި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްޞީލު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އާންމު ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުން ދަތިވި ނަމަވެސް، އިޤްތިޞާދު ވަޅުޖެހިގެން ނުދާނެ ކަމަށާއި، މިއީ އީރާނުގައި ނުތަނަވަސްކަން އުފައްދަން އެމެރިކާއިން ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު، މިދިޔަ އޯގަސްޓް މަހު އެޤައުމުގެ ފައިސާގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސް، ޑޮލަރަކަށް 2 މިލިއަން ރިއާލަށް އަރައިފައެވެ. އަދި ޖުލައި މަހު އިންފްލޭޝަން ވަނީ 66 އިންސައްތައަށް އުފުލިފައެވެ.

އެމެރިކާއިން ދަނީ އީރާނަށް އިޤްތިޞާދީ ގޮތުން ފިއްތުންތައް އިތުރުކުރަމުންނެވެ. އަދި އީރާނާއެކު ވިޔަފާރިކުރާ އެހެން ފަރާތްތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.