މުނިފޫހިފިލުވުން

މިރޯދަމަހު "ތިޔަބޭފުޅުންގެ ފުރުޞަތު" ބޮޑެތި އިނާމުތަކާއިއެކު، ޓީމްއެއްކޮށްލާ


ކޮންމެ ރަމަޟާންމަހާ ދިވެހިން ބައްދަލުކުރަނީ އުފާވެރިކަމާއިއެކުއެވެ. އާއްމު ދިރިއުޅުމާއި ގޭގެ ބައެއް ކަންކަމަށްވެސް ރޯދައާއި ދިމާކޮށް ބަދަލު ގެނައުމަކީ ދިވެހިންގެ ދުވަސްވީ އާދަކާދައެކެވެ. ވިޔަފާރިތަކާއި ދަތުރުފަތުރުކަށްވެސް ބަދަލުތައް އާދެއެވެ. މީގެއިތުރުން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ޓީވީ ޗެނަލްތަކުގެ ޕްރޮގްރާމްތައްވެސް ރޯދަމަހާއި ގުޅޭގޮތަށް ބައްޓަންކޮށް ރޯދައަށް ހާއްސަ އައު ޕްރޮގްރާމްތައް ގެނެސްދެއެވެ.

ބެލުންތެރިން ޝަޢުގުވެރިވާ، އަދި ގަޔާވާނެ ޕްރޮގްރާމްތައް ރޯދަމަހު ގެނެސްދެވޭތޯ ޕީއެސްއެމްގެ ޗެނަލްތަކުން ކޮންމެ އަހަރަކުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މިއަހަރުގެ ރޯދަ ފެށެން ދިހަ ވަރަކަށް ދުވަހަށް ވެފައިވާއިރު ޓީވީއެމްގެ ޕްރޮޑަކްޝަން ޓީމް މިހާރުވެސް ތިބީ މިކަމަށް ތައްޔާރުވެގެންނެވެ. މި ރޯދަމަހުވެސް ޓީވީއެމްގެ ޝެޑިއުލްގައި މިއޮތީ ރަމަޟާންމަހާއި ގުޅޭގޮތަށް، ގޭގޭގެ ސިޓިން ރޫމްތައް ފަޅުފިލުވައިދޭ، އެކި އުމުރުފުރާތަކާއި ގުޅޭ ޚާއްޞަ ޕްރޮގްރާމްތަކުން ފުރާލާފައެވެ.

މިއަހަރުގެ ޓީވީއެމް ރޯދަމަހުގެ ޕްރޮގްރާމްތަކުގެ ލިސްޓުން އެންމެ ޚާއްޞަ ވާނެ އެއް ޕްރޮގްރާމަކީ ކޮބައިކަން އެގޭ ހެއްޔެވެ. ޕްރޮގްރާމްގެ ނަން ބުނުމުން އެކަނިވެސް ފުދޭނެއެވެ. ޓީވީއެމްގެ 43 ތާރީޚުގައި، ބެލުންތެރިންގެ މެދުގައި އެންމެ މަޤުބޫލުވެގެންދިޔަ އެއް ޕްރޮގްރާމް "ތިޔަބޭފުޅުންގެ ފުރުޞަތު" އެވެ. 10 އަހަރަށްފަހު އަލުން މި ޝޯ ޓީވީއެމަށް އަންނަން މިވަނީ ތައްޔާރުވެފައެވެ. މިފަހަރުގެވެސް ޝޯ މިއަންނަނީ އަގު ބޮޑެތި އިނާމްތަކާއި އެކުއެވެ. އަވަހަށް ޓީމެއް ހަދާ މައުލޫމާތުތައް އެއްކުރަން ފަށާށެވެ.

މިއަހަރުގެ ޝޯގައިވެސް ކުރިން ފެނިގެންދިޔަ ގޭމްތައްކަމަށްވާ ޖޯޑު ދިމާކުރުމާއި، ބޯޑު ފަހަތުގައިވާ ފޮޓޯ ދިމާކުރުން، ނަޞީބުގެ ފުރުޞަތު އަދި ބަސް ކޮށާރު ބައިވެސް ހަމައެގޮތުގައި އެބައޮތެވެ. މީގެއިތުރުން މުޅިން އައު ބައެއްވެސް އެބައޮތެވެ. އެއީ އަޑު ދިމާކުރުމުގެ ބައެވެ. މަޝްހޫރު މީހުންނާއި އެހާ އާއްމު ނޫން އަޑުތައް އަހާ އަވަހަށް ފަރިތަވެލާށެވެ.

މިގޭމްތަކާއި ހަމައަށް ދެވޭނީ ކުރީ އަހަރުތަކާއި އެއްގޮތަށް ބުރު އަނބުރާލުމަށްފަހު ދިމާވާ ބަޔަކުން އަންނަ ސުވާލަށް ޖަވާބު ދިނުމުންނެވެ. ނަސީބުހުރި ގޮތުން ސުވާލަކަށް ނުގޮސް ގޭމްތަކަށް ދެވޭނީ ކިތައް ބައިވެރިންކަމެއް ނޭގެއެވެ. އެހެންކަމުން ނޫސްތަކާއި އިންޓެނެޓް ސައިޓްތަކާއި ފޮތްތައް ބަލާލާ ޖެނަރަލް ނޮލެޖް ނުވަތަ އާއްމު މައުލޫމާތުތައް އަވަހަށް އެއްކޮށް، މުއްސަނދިކޮށްލާށެވެ.

ގޭމްތަކަށް އަވަސް ކަޅިއެއް!


- ޖޯޑު ދިމާކުުރުން : މިނެޓެއްގެ ތެރޭގައި އެންމެ ގިނަ ޖޯޑު ދިމާކުރަންވީއެވެ. މީ ޝޯގައި އެންމެ ގިނަ މާކްސް ހޯދޭނެ އެއް ގޭމްއެވެ. ފޯރިގަދަ މިބަޔަށް ޓީމެއް ބޭނުންވާނެއެވެ.

- ބޯޑު ފަހަތުގައި ވާ ފޮޓޯ ދިމާކުރުން : މީހެއްގެ ލޮލެއް، އިމާރާތެއްގެ ކަނެއް ނުވަތަ އެއްޗެއްގެ ކުޑަ ތަންކޮޅެއް ފެނިގެން އެއީ ކާކުކަން، ކޮންތަނެއްކަން ނުވަތަ ކޮންއެއްޗެކަށް ބުނެލަން އެގޭނީ ކިތަން މީހުންނަށް ބާވައެވެ.

- ނަޞީބުގެ ފުރުޞަތު : މީ ނަސީބު ބަލާލަން ރަނގަޅު ފުރުސަތަކެވެ. ސެޓްގައި ހުންނަ 4 ކަބަޑުން ކޮންމެވެސް އެއް ކަބަޑަށް ނަގަންވީއެވެ. ހަދިޔާއެއްވެސް ލިބިދާނެއެވެ. ހިނިގަޑެއްވެސް އަޑުއިވިދާނެއެވެ. ލިބުނު ޖުމްލައިން ބައެއް އުނިވެސް ވެދާނެއެވެ. ނޫނީ މިބައި ނުނަގާ ދޫކޮށްވެސް ލެވިދާނެއެވެ.

އަޑު ދިމާކުރުން : މި ގޭމަކީ މިއަހަރު އަލަށް މި ޝޯއަށް ތަޢާރަފްކުރާ ގޭމެކެވެ. މި ގޭމްގައި ބައިވެރިޔާއަށް މަޝްހޫރު މީހެއް، ޖަނަވާރެއް ނުވަތަ އެއްޗެއްގެ އަޑުކޮޅު އިއްވާނެއެވެ. މިބައި ހުރަސްކުރަން ނިކަން ރަނގަޅަށް އަޑަށް ފަރިތަވެލާންޖެހޭނެއެވެ.

ބަސް ކޮށާރު : މީ ޝޯގެ އެންމެ މުހިއްމު ބައެވެ. ނޭގޭ އައުބަސްތައް ދަސްވާނެކަން ޔަގީންނެވެ. މި ބައިގައި މިފަހަރު 6 ސުވާލު ހިމެނޭނެއެވެ. މި ސުވާލުތައް މަތީގައި 6 ބަހުގެ ހުސްގޮޅި އޮންނާނެއެވެ. މި ހުސްގޮޅިއަށް އަކުރާ ފިލި އަރާނީ ސުވާލުތަކުގެ ޖަވާބު ރަނގަޅުވާ ވަރަކަށެވެ. ދިވެހި ބަހުގެ ރަދީފު ނަގާ އެއްކޮޅުން އަނެއްކޮޅަށް ބަސްތައް ދަސްކޮށްލަން އެބަޖެހެއެވެ.

މިއަހަރު "ތިޔަބޭފުޅުންގެ ފުރުޞަތު" ޓީވީއެމުން ގެނެސްދޭނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރެއެވެ. ނަން ނޯޓްކުރަން ތައްޔާރު ހެއްޔެވެ. އަންނަ ހަފްތާގައި ޓީވީއެމުން މި ޝޯގެ ޓެރެއިލަރ ދައްކަން ފަށާނެއެވެ. އެއާއެކު ޕްރޮގްރާމްގައި ބައިވެރިވުމަށް TF (space) name, age ޖެހުމަށް 300 އަށް އެސްއެމްސް ކުރާށެވެ.

އަހްމަދު ޝަކީބާއި ހިނާ ވަލީދު ފަދަ ކުޅާދަނަ ހުށައެޅުންތެރިން ހޯސްޓްކޮށްފައިވާ މި ޝޯ މިފަހަރުވެސް ހުށައަޅާދޭނީ ޓީވީ ބެލުންތެރިންނަށް އައު މޫނެއް ނޫނެވެ. ޓިވީ ބެލުންތެރިންގެ ގާތް އެކުވެރި، އަދި ގިނަ ޝޯތަކެއް މިހާރުވެސް ގެނެސްދެމުން އަންނަ މޮޅު ޕްރެޒެންޓަރެކެވެ. ޓެރެއިލަރތައް އާއްމު ވަންދެން އެނަން އިހަށް ނުބެނެ މަޑުކޮށްލާނަމެވެ.

ޕްރެޒެންޓަރުގެ ނަން ނުބުނި ނަމަވެސް އިނާމްތަކުގެ ވާހަކަ ނުބުނެ ނުހުރެވޭނެއެވެ. ހުރީ ހުސް އަގުބޮޑެތި އިނާމްތަކެވެ. އެންމެ ގިނަ މާކްސް ހޯދައިގެން އެއްވަނަ ބައިވެރިޔަކަށް މިފަހަރުގެ ހަދިޔާއަކީ އެއަރ ބްލޭޑް ސައިކަލެކެވެ. 2 ވަނައަށް މެކްބުކް ޕްރޯއެކެވެ. 3 ވަނައަށްވެސް އިނާމް ކުޑައެއް ނޫނެނެވެ. އައިފޯން 12 އެކެވެ.

ކޮންމެއަކަސް އަންނަ ހަފްތާގައި ޝޯގެ ޓެރެއިލަރތައް ޓީވީ ދައްކަން ފަށާނެއެވެ. އެހާތަނަށް އަވަހަށް ޓީމެއް އެއްކުރަމާ ހެއްޔެވެ. މައުލޫމާތުތައް ހޯދާ ޓީމަށް ކަންކަން ބަހާލާ އަވަހަށް ތައްޔާރުވަމާ ހެއްޔެވެ. ބައިވެރިނުވެ ދޫކޮށްލާ ވަރެއް ނޫނެވެ.