ޚަބަރު

ދިއްދޫ ޕޯސްޓް އޮފީސް ހުޅުވައިފި


ހއ.ދިއްދޫގައި ޤާއިމުކޮށްފައިވާ ޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މިޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވާފައިވަނީ، ދިއްދޫގައި މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދާއި އެކުންފުނީގެ ޗެއާމަން މުޙައްމަދު ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަތެވެ.

މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވީ މިއީ މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށެވެ. ޒަމާނީ ބަދަލުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕޯސްޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ފަސޭހަތަކެއް ލިބި، ޚިދުމަތުގެ އިތުބާރާ ޔަގީންކަން ބޮޑުވެގެންދާނެ ކަމެއްކަމުގައި ޝަފީޤް ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ޕޯސްޓުގެ ޚިދުމަށް ދިނުމަށް ރާއްޖޭގެ 14 އަތޮޅެއްގައި ވަނީ ޕޯސްޓު އޮފީސް ޤާއިމުކޮށްފައެވެ.