ވިޔަފާރި

"ފުރަތަމަ ތިންމަހު، ރާއްޖޭގެ އިޤްތިޞާދު އަންދާޒާކުރި ވަރަށްވުރެ ރަނގަޅު"


މިދިޔަ އަހަރު އަންދާޒާ ކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއް ރާއްޖޭގެ އިޤްތިޞާދަށް މިއަހަރު ލިބޭނެ ބެލެވޭކަމުގައި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނިންމާލިއިރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ މިންވަރު އޮތީ ރަނގަޅު މިންވަރެއްހައި ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އަލިއަޅުއްވަލައްވަމުން މަބްރޫކް ވިދާޅުވީ، މިހާރު ލިބެމުންދާ ކުރިއެރުންތަކާއެކު، ދައުލަތުގެ ބަޖެޓަށް ލިބޭނެކަމަށް އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީވެސް ލިބިފައިވާކަމަށެވެ.

"
"މި ތިންމަސް އަޅުގަނޑުމެން ނިންމާލިއިރު ކޮންމެ މަހަކުވެސް އަޅުގަނޑުމެން މިދިޔަ އަހަރުގެ ބަޖެޓު ހެދިއިރު އިންކަމް ނުވަތަ މިއަހަރު ސަރުކާރަށް ވަންނާނެ ކަމަށް ހީކޮށްގެން ތިބި ފައިސާއަށްވުރެ އިތުރަށް ފައިސާ ލިބިގެން. އަދި ވެކްސިނޭޝަންގެ ކަންކަން މިހާރު ދާގޮތުން އަޅުގަނޑުމެންނަށް ﷲ ރަހުމަތުން ރަނގަޅު [ކުރިއެރުމެއް] ފެންނާނެ ކަމާމެދު އުއްމީދު ބޮޑު"
މުޙައްމަދު މަބްރޫކް ޢަޒީޒް - ރައީސް އޮފީހުގެ ތަރުޖަމާނު

މިދިޔަ އަހަރުގެ ނިޔަލަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަނީ ކޯވިޑް-19ގެ ޙާލަތަށް ބަލައި އުންމީދު ކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއް އައިސްފައިކަން ސަރުކާރުން ފާހަގަކުރައްވައެވެ. މަބްރޫކް ވިދާޅުވިގޮތުގައި މިކުރިއެރުން އައިސްފައިވަނީ ޔޫރަޕާއި ޗައިނާ ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު މާކެޓްތައް މުޅިން ނުހުޅުވިއޮތް ދަނޑިވަޅެއްގައި ކަމަށެވެ.

މިއަހަރުގެ ފުރަތަމަ 3 މަހުގައި ފަތުރުވެރިން އައި މިންވަރަށް ބަލާއިރު ފުރަތަމަ ދެމަހު، ކޮންމެ މަހަކު، 90،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއައެވެ. މާރިޗުމަހު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ހުއްޓުމަކަށްއައިސްފައި އޮތުމަށްފަހު، މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ %85 އެނދު ވަނީ އޮޕަރޭޓުކުރަން ފަށާފައެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ނޮވެމްބަރުމަހު ސަރުކާރުން އަންދާޒާކުރީ މިއަހަރު ޖުމުލަ 6 ލައްކައެއްހައި ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ކުރެވޭ އަންދާޒާތަކަށް ބަލާއިރު އަހަރު ނިމޭއިރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ބެލެވޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މަބްރޫކް ފާހަގަ ކުރެއްވި ގޮތުގައި 2020ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ މިއިން ޒަމާނެއްގައި ރާއްޖޭ ތަޙައްމަލް ކުރަން ނުޖެހޭވަރުގެ ނިކަމެތި ޙާލަތެއްގައެވެ. އެހެންނަމަވެސް އަވަސް ދުވެއްޔެއްގައި ޙާލަތު އަންނަނީ މިހާރު ރަނގަޅުވަމުންނެވެ.