ޚަބަރު

މާޅޮހު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


އއ.މާޅޮހު ބަނދަރަށް ޖާގަ އިތުރުކޮށް، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އއ.މާޅޮހު ބަނދަރުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިގޮތުން ރަށުގައި ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އުޅަނދުތަކާއި އެކަމަށް ބޭނުންވާ ސާމާނު އެމްޓީސީސީން މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ.

އއ.މާޅޮހު ބަނދަރު މަސައްކަތަކީ، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ރަށަށް އަރާފައިބާ މީހުންނާއި އޮޑިވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގައި ރަށުގެ ބަނދަރަށް 394 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށްވަނީ ނިންމާފައެވެ.

މި މަސައްކަތުގައި ހިމެނެނީ 24،335 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމާއި 407 މީޓަރުގެ ބޭރު ތޮށި ލުމާއި، 56 މީޓަރުގެ ސަރަޙައްދުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެކެވެ. އަދި 1970އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ޖެހުންވެސް މިމަސައްކަތުގައި ހިމެނެއެވެ.

އއ.މާޅުހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ މީގެ 14 ވަރަކަށް އަހަރު ކުރިން ހަދާފައިވާ 300 ފޫޓުގެ ބަނދަރެއްކަމަށެވެ. ނަމަވެސް ބަނދަރު އެއްކޮށް ނިންމާފައި ނުވާތީ، ހުޅަނގު މޫސުމުގަ ކަނޑު ގަދަވާ ދުވަސްވަރު ބަނދަރު ބޭނުންކުރުމަށް ވަރަށް ދަތިވާކަމަށެވެ. އަދި ބަނދަރު ކުޑަވުމުގެ ސަބަބުން ދޯނިތައް ބަނދަރުގައި އަޅާފައި ބޭއްވުމަށްވެސް ދަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އާ ބަނދަރާއެކު ޖާގައިގެ މައްސަލަ ޙައްލުވެ، އޮޑިފަހަރު ބަދަރުގައި އަޅާފައި ބާއްވާއިރު، އުޅަނދުތަކުގެ ރައްކާތެރިކަންވެސް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.

"ވެލި ބަސްތާ ޖަހައިގެން ހަދާފަ އޮތް ބަނދަރެއް މިއީ. ނެރު ފައިކަށިވެސް ހެދިފައެއް ނެތް. 13-14އަހަރު ވީއިރު އެއްވެސް މަރާމާތެއް ކުރެވިފައެއް ނެތް. ގަދަވާ ދުވަސްވަރު ބަނދަރު ބޭނުންކުރަން ވަރަށް ދަތިވޭ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބަނދަރުގެ މަސައްކަތް ނިމޭއިރު 1000 ފޫޓުގެ ބަނދަރަކަށް ބަދަލުވެގެންދާނެއެވެ. މި މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރުންނެވެ. މިއީ ސަރުކާރުން 56.97 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.