ވިޔަފާރި

ރަޝިއާ އަދި ސީއައިއެސް މާކެޓްގެ ޓުއާރ އޮޕަރޭޓަރުންނަށް ތަމްރީނެއް ބާއްވައިފި


އެމްއެމްޕީއާރުސީން ރަޝިޔާގެ ޕޮރޮފި ޓްރެވެލްސް އާއި ގުޅިގެން 2000 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ތަމްރީނެއް ހިންގައިފިއެވެ. .

ޕްރޮފި ޓްރެވެލްސް އާއި ގުޅިގެން ކުރިއަށް ގެންދެވުނު މިތަމްރީނުގެ ތެރެއިން ދިވެހިރާއްޖޭއާގުޅޭ އެންމެ ފަހުގެ މައުލޫމާތު މިސަރަހައްދުގެ ޓުއަރ އޮޕަރޭޓަރުންނަށް ދެވިއްޖެ ކަމަށާއި، އަދި މިކަމުގެ ފައިދާ އަހަރުތަކަށް ކުރާނެ އެމްއެމްޕީއާރްސީން ބުނެއެވެ. އަދި ހަމައެކަނި މީގެ ތެރެއިންވެސް 280 ބުކިން ލިބުނުކަން އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.

މިތަމްރީނުތައް އަމާޒުވީ ރަޝިއާ އަދި ސީއައިއެސް މާކެޓްގެ ޓުއާރ އޮޕަރޭޓަރުންނަށެވެ. މިތަމްރީނުގެ މަޤްސަދަކީ މިސަރަހައްދުގެ ޓުއަރ އޮޕަރޭޓަރުންނަށް، ރާއްޖޭގެ އެންމެ ފުރިހަމަ މައުލޫމާތު ދިނުމާއި، ފަތުރުވެރިންނަށް އެންމެ އެކަށޭނެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުމަށް ދަސްކޮށްދިނުމެވެ.

އެމްއެމްޕީއާރްސީ އާއި ޕްރޮފި ޓްރެވެލްސް ގުޅިގެން މިހިންގުނު ތަމްރީނުގެ ޕްރޮގްރާމުގެ ތެރެއިން، އެންމެ ގިނަ ބުކިންގްސް ހަދައި ނިންމާ އޭޖެންޓުނަށް ފުރަވެރި މޯލްޑިވްސް، އާއި ޕެރެޑައިސް އައިލޭންޑް ރިސޯޓު އަދި ޕެރެޑައިސް އައިލޭންޑް ރިސޯޓުން ސްޕޮންސާރ ކޮށްގެން އެތަންތަނުގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ދީފައިވެއެވެ.

ޕްރޮފި ޓްރެވެލްސްއަކީ މިސަރަހަދުގެ ފަތުރުވެރިކަން މާކެޓް ކުރުމުގައި 20 އަހަރު ހޭދަކޮށްފައިވާ، މީޑިއާ ކުންފުންޏެކެވެ. އެކުންފުންޏަކީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް އަދި ޑެސްޓިނޭޝަން ޑިޖިޓަލް މާކެޓިން މެދުވެރިކޮށް ޕްރޮމޯޓު ކުރާ ކުންފުންޏެކެވެ.

ރަޝިއާ މާކެޓަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެގޮތުން ބޯޑަރު ހުޅުވިފަަހުން 79،000 ފަތުރުވެރިން މިސަރަހައްދުން އައިސްފައިވެއެވެ. އަދި ކުރިއަށްވެސް ގިނަ މާކެޓިން ހަރަކާތްތައް ކުރިއަށް ގެންގޮސް މިސަރަހައްދުގައި ދިވެހިރާއްޖެ ރައްކާތެރި ފަތުރުވެރިކަމުގެ ޑެސްޓިނޭޝަނެއް ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.