ޚަބަރު

ހޮނިހިރު ދުވަހުން ފެށިގެން ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށަނީ


ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، އަންނަ ހޮނިހިރުދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ދޭން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް19 ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރާޒެނެކާ ގުޅިގެން އުފައްޑާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް19ގެ ދެވަނަ ޑޯޒްގެ ވެކްސިން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދޭން ފަށަށް އެޗްޕީއޭއިން ނިންމާފައިވާކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.

މާލޭގެ 8 ސެންޓަރުންނާ އަތޮޅުތަކުގެ 169 ސެންޓަރެއްގައި ވެކްސިން ދިނުމުގެ ޚިދުމަތްދެނީ ދެމުންނެވެ. އަތޮޅުތަކުގައި އަދިވެސް ދެމުންދަނީ ކޮވިޝީލްޑް ވެކްސިންއެވެ. ނަމަވެސް މާލޭގައި މިހާރުވަނީ ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިން ދޭން ފަށާފައެވެ.

ސިނޯފާމް ވެކްސިނަކީވެސް ދެ ޑޯޒް ފުރިހަމަކުރަންޖެހޭ ވެކްސިނެކެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ނަގަންވާނީ، ފުރަތަމަ ޑޯޒް ނެގި ބާވަތުންނެވެ. އެގޮތުން ރާއްޖޭގައި ދެވަނަ ޑޯޒްގެ ވެކްސިން ދޭން ފުރަތަމަ މި ފަށަނީ، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ނަގާފައިވާ ފަރާތްތަކަށެވެ. ވެކްސިން ޖެހުމަށް އަންނައިރު، ވެކްސިންގެ ފުރަތަމަ ޑޯޒާއެކު ދީފައިވާ ވެކްސިން ކާޑު ގެންދަންވާނެއެވެ.
މީގެކުރިން ވަނީ ޚާއްސަ ޚާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ %47 މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.

ދދ

ތަންކޮޅެއް އޯގަނައިޒްޑް ކޮށް 2 ވަނަ ދޯޒް ގެ ކަންތައް ކުރިޔަށް ގެންދަން ނުވިސްނަން ދޯ