ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ކޯވިޑް19 ދިފާޢު ވެކްސިންގެ ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.
ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އެޤައުމުން އުފައްދާ ސިނޯފާމް ވެކްސިންއެވެ.
ސިނޯފާމް ވެކްސިންގެ 200000 ޑޯޒް ރާއްޖެއަށް ހަދިޔާކުރާނެކަމުގެ ޔަގީންކަން އެ ޤައުމުން ދީފައިވާއިރު، ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ގެނެސްފައިވަނީ މަރޗް 24 ވަނަ ދުވަހުއެވެ. އެ ޝިޕްމަންޓުގައި އެއް ލައްކަ ވެކްސިން ޑޯޒް ގެނެސްފައެވެ. ދެވަނަ ޝިޕްމަންޓް ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފައިވާއިރު، އެ ޝިޕްމަންޓުގައިވެސް 1 ލައްކަ ވެކްސިން ޑޯޒް ގެނެސްފައިވެއެވެ.
ދެ ވަނަ ބެޗްގެ 100000 ޑޯޒްގެ ވެކްސިން، ޗައިނާގެ ބެއިޖިންއިން ރާއްޖެއަށް ގެނެސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
Remaining 100K doses of Sinopharm vaccine and other medical equipment donated by #China arrived in Male’ from Beijing on @MaldivianAero. Sincere appreciation to the Govt & people of China for their generous contributions to our vaccine rollout. Special thanks to @AmbassadorZhang! pic.twitter.com/So7QdPnies
— Abdulla Shahid (@abdulla_shahid) March 31, 2021
މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު، ހެޔޮއެދޭ ފަރާތަކުންވެސް ވަނީ ސިނޯފާމްގެ 5000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް ވަނީ، ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ 3 ވެކްސިނެއް ރާއްޖޭގައި ދިނުމުގެ ހުއްދަ ދީފައެވެ. އެއީ އޮކްސްފޯޑާ އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނާ، ޗައިނާގެ ސިނޯފާމް އަދި ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިންއެވެ. މީގެތެރެއިން މިހާތަނަށް ދޭން ފަށާފައިވަނީ ކޮވިޝީލްޑާ، ސިނޯފާމްއެވެ.
ކޮވިޝީލްޑް ވެކްސިން ދޭންފެށީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. އަދި ސިނޯފާމް ވެކްސިން ދޭން ފަށާފައިވަނީ މަރޗް 22 ވަނަ ދުވަހުއެވެ. ސިނޯފާމް ވެކްސިން މިހާތަނަށް ދޭން ފަށާފައިވަނީ މާލެ ސަރަޙައްދުގައި އެކަންޏެވެ. ސިނޯފާމް ވެކްސިން ފުރިހަމަކުރެވޭނީ ދެ ޑޯޒް ޖެހުމުންނެވެ. ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުންނެވެ.
ރާއްޖޭގައި ކާމިޔާބުކަމާއެކު ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދަމުން އަންނައިރު، މިހާތަނަށް ރާއްޖޭގެ މުޅި އަބާދީގެ 47 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީފައެވެ. އެއީ 235000 އަށްވުރެ ގިނަ މީހުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިހާރުދަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުންނެވެ.