މިދިޔަ ފެބުރުވަރީ މަހު ގއ.މާމެންދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިނގައި ކުއްޖަކު މަރާލި މައްސަލާގައި އެރަށު 3 މީހެއްގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރލްގެ އޮފީހުން ވިދާޅުވީ މިދިޔަ ފެބުރުއަރީ މަހުގެ 8ވަނަ ދުވަހުގެރޭ މާމެންދޫގައި، ޢުމުރުން 17 އަހަރުގެ ދެކުއްޖަކާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ބޮޑެތި ހާނީއްކަތަކެއްވެ، އެ ހާނީއްކަތަކަށް ފަރުވާދެމުންދަނިކޮށް އޭގެތެރެއިން ކުއްޖަކު ނިޔާވެފައިވާ މައްސަލާގައި ގއ.މާމެންދޫ ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި ހަމައެރަށު ބިލަތްމާގޭ ޝަރަފު ރަޝިދުގެ އިތުރުުން ގުލްފާމުގޭ މުޙައްމަދު މާޒިންގެ މައްޗަށް ދަޢުވާކުރުމަށް މިމަހުގެ 22ވަނަ ދުވަހު ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މިމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދަޢުވާއާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މިމައްސަލާގައި ޢުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް ޖުވެނައިލްކޯޓަށް ވަނީ ހުށައަޅާފައެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
ގއ.މާމެންދޫގައި ހިންގި މާރާމާރީގައި ދިން ޒަޙަމް ތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުއެވެ. މިމާރާމާރީގައި އޭނާގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުންވަނީ ވިދާޅުވެފައިވެއެވެ.
އޭގެފަހުން އުދައްޔު ވަޅުލާފައިވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.