ޚަބަރު

ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރަން ފަށަނީ


އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި މާދަމައިން ފެށިގެން ސޮއިކުރަން ފަށާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ކެންޑިޑޭޓުންނަށް ހުޅުވާލާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިއަދު ޚާއްސަ ކޮށްފައިވަނީ އިލެކްޝަން ކޮމިޝަނުން ލިސްޓުގައި ސޮއިކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓާސް ލިސްޓްގައި ސޮއިކުރަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.

ހަބީބު ވިދާޅުވީ އެއްވެސް ސަބަބަކާއި ހެދި ކެނޑިޑޭޓަށް ލިސްޓުގައި ސޮއިކުރުމަށް ވަޑައި ނުގެންނެވޭނަމަ ކެނޑިޑޭޓަކު ކަނޑައަޅުއްވާ މީހަކަށް ލިސްޓުގައި ސޮއިކުރެވޭނެކަމަށެވެ. ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާނަމަ އެކަން ބަޔާންކޮށް ސޮއިކުރާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންނަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.