ޚަބަރު

ކޯވިޑް-19 : މިއަދު ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން


ރާއްޖެއިން އިތުރު 147 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލޭއާ އަޅާބަލާއިރު ޕޮޒިޓިވްވި މީހުންގެ ނިސްބަތް އިތުރެވެ. މިގޮތުން އަތޮޅުތަކުން ވަނީ 69 މީހުން ޕޮޒިޓިވްވެފައެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް 147 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 65 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 69 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ސަފާރީތަކުން މީހަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން 2 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 23،671 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިޢަދު 116 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 20،839 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،759 މީހުންނެވެ. އަދި 93 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،472 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 643،952 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.