ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި މަޖިލީހަށް ދެ މައްސަލައެއް!


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަމަށް ތުހުމަތުކުރާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ދެ މައްސަލައެއް ހުށަހަޅައިފިއެވެ.

މި ދެ މައްސަލަވެސް މަޖިލީހަށް ބަލައިގަނެ ވަނީ ބަހުސް ކޮށްފައެވެ.

ވެންޓިލޭޓަރު މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. އަދި ކުއްލި މައްސަލައެއްގެ ގޮތުގައި އެމައްސަލަ ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ.

މަޖިލީހަށް ހުށަހެޅި ދެ މައްސަލާގައިވެސް މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެއް ކަންތައްތަކެކެވެ. ވެންޓިލޭޓަރު މައްސަލާގައި ދައުލަތައް ގެއްލިފައިވާ ފައިސާ ހޯދުމަށާއި، މިމައްސަލާގައި އިހުމާލުވެފައިވާ މީހުންނަށް ފިޔަވަޅު ނޭޅި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުމެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުންދާ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިމައްސަލާގައި ސަރުކާރުގެ އިހުލާސްތެރިކަން ދައްކަންޖެހޭކަމަށެވެ. އަދި މިއީ ދައުލަތުގެ ގިނަ ބަޔަކަށް ތުހުމަތު ކުރެވޭ މައްސަލައަކަށްވާއިރު މިމައްސަލަ އިންސާފުވެރިކަމާއިއެކު ބެލުމަކީ ދައުލަތަށް ލާޒިމް ކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ މިމައްސަލައަކީ އިންސާނީ ބުއްދިއަށް ގަބޫލު ކުރެވޭ ބޮޑު ވައްކަމެއް އެކުލަވޭ މައްސަލައަކަށްވާއިރު މިމައްސަލަ ބަލައި ތަހުގީގް ކުރެވި ދައުވާ ކުރަންޖެހޭކަމަށެވެ. އަދި އެމްޑީޕީއަކީ ވައްކަމާއި ޚިޔާނަތަށް ދުވަހަކުވެސް ޖާގަ ދޭނެ ޕާޓީއެއް ނޫންކަމަށް ހަލީމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިމައްސަލާގައި އިންސާފުވެރި ޝަރީއަތެއް ހިނގަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީން ދުވަހަކުވެސް ވައްކަމަށް ޖާގަ ނުދޭނެކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، ރައީސް ނަޝީދަކީވެސް ނުރަނގަޅު އެންމެހައި ކަންކަމާއި ދެކޮޅަށް މަސައްކަތްކޮށް، ހައްގުގެ މަގުގައި މަސައްކަތް ކުރައްވާނެ ދެބޭފުޅުންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.