ކުޅިވަރު

ބ.އަތޮޅުގެ 3 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމަށް ސޮއިކޮށްފި


ބ.އަތޮޅުގެ ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ. ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ސޮއިކޮށްފައިވަނީ ބ.އަތޮޅު ދަރަވަންދޫ، ތުޅާދޫ އަދި ކެންދޫ ފުޓުބޯޅަ ދަޑުގެ ސަބްބޭސްގެ މަސައްކަތެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް އެފެއާޒް އަހުމަދު ޝުހާދުއެވެ. ސޮއިކުރެވުނު އެއްބަސްވުމުގައި ވާގޮތުން ‎ބ.އަތޮޅު ދަރަވަންދޫއާއި ބ.އަތޮޅު ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ ކޮންމެ ދަނޑެއް 2.2 މިލިއަން ރުފިޔާއަށް އަދި ބ.އަތޮޅު ކެންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ. މި ހުރިހާ ދަނޑުތަކެއްވެސް މަސައްކަތް ފަށާތާ 35 ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓްގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީއިން ދަނީ ވަރަށް ގިނަ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަށް ތަރައްގީ ކުރަމުންނެވެ. އެގޮތުން މިހާރު ބައެއް ދަނޑުތަކުގެ މަސައްކަތް ނިމިފައިވާއިރު، އަނެއްބައި ދަނޑުގައިދަނީ ޓާފް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ބައެއް ރަށްރަށުގެ ރައްޔިތުން ބޭނުންވެގެން ބައެއް ދަނޑުތައް ޓާފްގެ ބަދަލުގައި ވިނަ ދަނޑެއްގެ ގޮތުގައިވެސް ތަރައްގީކޮށްފައިވާނެކަމަށް ޔޫތް މިނިސްޓްރީއިން މަޢުލުމާތުދެއެވެ.