ވިޔަފާރި

ކޯވިޑަށްފަހު ފުރަތަމަ ފަހަރަށް އެއްމަހެއްގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 100000އަށް!


ކޯވިޑަށްފަހު ރާއްޖެއަށް އެއް މަސް ދުވަސްތެރޭ އެއްލައްކަ ފަތުރުވެރިން އަންނަ މަހަކަށް މިމަސްވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ އެއްލައްކަވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ޚަބަރުތައް ބުނެއެވެ. އަދި ރާއްޖެއަށް އެއްލައްކަ ފަތުރުވެރިން އައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓު މަހު 7628 ފަތުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ.

އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 96225 ފަތުރުވެރިންނެވެ.
މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފެބްރުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 96882 ފަތުރުވެރިންނެވެ.

މި އަދަދުތަކުންވެސް އެނގިގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެެއާއި މެދު އޮންނަ މަޤްބޫލްކަން އިތުރުވެ، މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުންދާ ދިއުމެވެ.