ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު 2000 އަށްވުރެ ގިނަ މީހުން ވެކްސިން ޖެހި


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 2,434 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 230،130 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން 1،016 މީހުން ވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު މިސަރަޙައްދުން ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދު ވަނީ 128،293 އަރާފައެވެ. މީގެ އިތުރުން އަތޮޅުތަކުން ވެކްސިން ޖެހި 1،418 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޢަދަދު މިވަނީ 101،837 އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން މާލޭ ސަރަޙައްދުގައި 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި 2، މޯބައިލް ޓީމުން މާލޭ ސަރަޙައްދުގައި ވެކްސިން ޖަހައިދިނުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ. އަތޮޅުތަކުގައި ވެކްސިން ޖެހުން މިވަގުތު 169 ސެންޓަރެއްގައި ދަނީ ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާ ސަރަޙައްދުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޤާއިމްކޮށްފައިވާ ސެންޓަރ، ސެނަހިޔާއާއި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެދުރު 12:00އާ ހަމައަށެވެ.

ރާއްޖޭގައި ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހުން ކުރިއަށްގެންދާއިރު، މިދުވަސްވަރު ޚާއްސަ ޙާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ޚާއްސަ ޙާލަތުގެ ގޮތުގައި ބަލަނީ، ޚާއްސަ ޙާލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް، އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާންވާއިރަށް އެނބުރި ނާދެވޭ މީހުންކަމަށެވެ.