ޚަބަރު

ކޯވިޑް-19 : އިތުރު 3 ރަށެއް މޮނިޓަރިންނަށް!


ޢުމުރުން ދެއަހަރު ނުވާ ތުއްތު ކުއްޖަކު ޕޮޒިޓިވް ވުމާއި ގުޅިގެން ރ.އަލިފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. ޕޮޒިޓިވްވީ ކުޑައަންހެން ކުއްޖެކެވެ. އެއީ ރ.އުނގޫފާރު ކްލަސްޓަރއާ ގުޅުންހުރި ކޭސްއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރާޒީ ވިދާޅުވީ އެކުއްޖާއަކީ މިމަހުގެ 14ވަނަ ދުވަހު އުނގޫފާރަށް ދަތުރުކޮށްފައިވާ ކުއްޖެއްކަމަށާ، އެކުއްޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓިންގެ 10 ދުވަސް ފުރުހަމަކުރުމަށްފަހު މިމަހުގެ 25ވަނަ ދުވަހު ނެގި ރިލީޒް ސާމްޕަލުންކަމަށެވެ. އެކުއްޖާގެ ކޭސްއާ ގުޅިގެން އިތުރު އެއްވެސް މީހަކު އެރަށުން މިހާތަނަށް ޕޮޒިޓިވްވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ިއތރުުން މިމަހުގެ 2ވަނަ ދުވަހުގެ ކުރިން އުނގޫފާރަށް ދަތުރުކޮށްފައިވާ އެންމެންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ރާޒީ ވިދާޅުވެއެވެ.

އުނގޫފާރުން މީހަކު ޕޮޒިޓިވްވެ މޮނިޓަރިންނަށް ލާފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. މިހާތަނަށް އައިއިރު އުނގޫފާރު ކްލަސްޓަރއާ ގުޅުންހުރެގެން ބައެއް ރަށްރަށުން މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މާލެގެ އިތުރަށް ބައެއްރަށްރަށުން މިހުން ޕޮޒިޓިވްވަމުން އަންނައިރު ދާދިފަހުން ވަނީ ޅ.އަތޮޅުގެ 3 ރަށަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށްތައް މޮނިޓަރިންނަށް ލާފައެވެ.

މީގެ އިތުރުން ގދ.ތިނަދޫން ކޯވިޑް-19އަށް ޓެސްޓްކުރި 5 މީހަކު ޕޮޒިޓިވްވުމުން އެރަށަށް އަރައިފޭބުންވެސް މިހާރު ވަނީ މަނާކޮށްފައެވެ. ތިނަދޫން މި 5 މީހުން ޓެސްޓްކުރީ ރޯގާގެ ޢަލާމާތްތައް ހުރުމުންނެވެ.

ބ.އަތޮޅު ފުޅަދޫވެސް މިއަދުވަނީ މޮނީޓަރިންނަށް ލާފައެވެ. އެރަށް މޮނިޓަރިންނަށް ލާފައިވަނީ އެރަށުގައި އުޅުމަށްފަހު ފުރި 2 ފަތުރުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ދެމީހުން ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ އެރަށުން އެމީހުން ފުރިފަހުންނެވެ.

މާލޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު މިހާތަނަށް ރާއްޖެއިން ތޭވީސް ހާހަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ފަހަކަށް އައިސް އަތޮޅުތަކުންވެސް ބަލި ޖެހޭ މީހުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.